17 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް، ރޭޕް ކޭސްއެއްގެ ގޮތުގައި ބަލަން ފަށައިފި

ރޭޕް ކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގެ ތެރެއިން: ފޮޓޯ / ޓްވީޓާ

ސަތާރަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެރަށުގެ ސިއްހީ މަރުކަޒުންނެވެ. ފުލުހުން ބުނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ދަނީ ރޭޕް ކޭސްއެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިދާރާގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކުން ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. މި ފަހަކަށް އައިސް ރާއްޖޭގައި ރޭޕް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. މި މަހު އެކަނިވެސް މިވަނީ ރޭޕްގެ ހަތަރު މައްސަލައެއް ފެންމަތިވެފައެވެ. އެގޮތުން އުމުރުން 11 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެކަން ކުރި މީހުން ހައްޔަރުވެސް ވަނީ ކޮށްފައެވެ.

އަދި މި މަހުގެ 25ވަނަ ދުވަހު ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވިއެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ ބަލަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ސަފާރީ މައްސަލައަކީ މިހާރު އެންމެ ބޮޑަށް ރާއްޖޭގައި ދެކެވެމުން އަންނަ މައްސަލައެވެ. އެއީ އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ފުލުހުން ދޫކޮށްލުމުންނެވެ.

Leave a Reply

Your email address will not be published.