އެފްއޭއެމް އަށް ފިޔަވަޅު އަޅަން ހުށަހެޅި މައްސަލަ އިތުރަށް ދިރާސާކުރަން ކޮމެޓީއަށް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ފޮޓޯ / އަވަސް އޮންލައިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

އެފްއޭއެމަށް ފިޔަވަޅު އަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. ޔޫތު މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައިނުވާތީ، މެދުހެންވޭރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތީ 31 މެމްބަރުންގެ ވޯޓުންނެވެ.

މިއަދު މަޖިލީހުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ އިޖުތިމާއީ ކޮމެޓީއަށެވެ. ކޮމިޓީ އަށް ފޮނުވަން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ އަނދުން ހުސެއިން ޝަހީމް ތާއީދުކުރެއްވި ހުށަހެޅުން ފާސްވީ 58 މެމްބަރުން ވޯޓް ދެއްވައިގެންނެވެ.

އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ކުޅިވަރުގެ ޤާނޫނާއި ފީފާގެ އުސޫލުތަކާ ހިލާފަށް އެފްއޭއެމުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަންތައްތައް އަމަލު ނުކުރާނަމަ، އެފްއޭއެމަށް ފިޔަވަޅު އެޅުމުގެ ބާރު ޔޫތު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީއަށް އެންގުމަށެވެ.

އެފްއޭއެމުން އަމަލު ކުރަންޖެހޭ ކަންތައްތަކަށް ފުރިހަމަނުކޮށް، އެ ޖަމިއްޔާއިން ބާއްވަން އުޅޭ އިންތިހާބު ނުބޭއްވުމަށް ވެސް އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

"ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދާއި ދިވެހިރާއްޖޭގެ ކުޅިވަރުގޭ ޤާނޫނާއި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް އެންގުމަށާއި އަދި މިހުރިހާ ކަމަކަށް އަމަލު ކުރުމަށްފަހު ނޫނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖިލީހުގެ ގަވާއިދުގެ ގަވާއިދުގައިވާ ގޮތަށް މި މައްސަލަ ހުށަހަޅަން،" އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *