ރާއްޖެއިން ކޮވިޑް19 ޖެހިގެން 9ވަނަ މީހާ މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދު މެންދުރު 13:50 އެހާއިރު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކުރި ފިލިޕީންސްގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެމީހާ އަކީ 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއަދު ކޮވިޑް19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވިއިރު އިއްޔެ އެޗްޕީއޭ އިން ވަނީ ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ތިން މީހަކު ހާލު ބޮޑުވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެޗްޕީއޭ އިން އިއްޔެ ބުނީ އޭގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުންގެ ގައުމާއި އުމުރާއި އެފަދަ އެއްވެސް ތަފްސީލެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

އިއްޔެވެސް ރާއްޖެއިން 13 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި 13 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2337 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 397 މީހަކަށެވެ. އަދި މިއަދު ބަލިން ރަނގަޅުވި 16 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1927 އަށް އަރާފައެވެ.

މީގެއިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ބިރު އަދިވެސް އޮތުމުން ކުރިން މިދިޔަ މާޗު މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ވަނި އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published.