ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާއިރު ރުހުން ހޯދަންޖެހޭ އިސްލާހު ބަލައިގެންފި

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނު ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތީ 64 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމެޓީ އަށް މިހާރު ވަނީ ފޮނުވާފައެވެ.

އިސްލާހުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެފަދަ ހާލަތެއް އިއުލާން ކުރާ ދުވަސްވަރަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ކަމަށްވާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހުން އެ ގަރާރު ފާސް ކުރަން ޖެހެއެވެ.

އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަަމށް އޭނާ ވިދާޅުވީ މިހާރަށްވުރެ ދެފުށް ފެންނަ އަދި މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށް ކަމަށެވެ. އިސްލާހުގައި އެފަދަ ހާލަތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާނެ ގޮތްތައް ބަޔާން ކުރުމަކީ ވެސް ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މެންބަރު ރަޝީދު ފާހަގަކުރައްވައެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މަޖިލީހަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރުވެސް ލިބިގެން ދެއެވެ. މަޖިލީހުން ބޭނުންވެއްޖެ ނަމަ މަޖިލީހުން ވަކި ބައެއް ނުވަތަ ގަރާރު އެއްކޮށް ފާސްކުރުމުގެ ބާރުވެސް ލިބޭ ގޮތަށް ވަނީ ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރާއިރުވެސް އިތުރު ކުރެވޭނީ 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެން ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރާ ހަރަދުތަކުގެ ތަފްސީލު ކޮންމެ މަހަކު ހިނގާ ހަރަދު ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވެސް ޖެހެއެވެ.

Leave a Reply

Your email address will not be published.