މައިމޫނާގެ ހިދުމަތާއި މަސައްކަތަކަށް ޝުކުރު ހައްގު: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި: ފޮޓޯ / މަޖިލިސް

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ހިދުމަތަށާއި އެކަމަނާގެ މަސައްކަތަށް ޝުކުރު ހައްގު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަން ފެއްޓެވުމުންނެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ގާނޫނުއަސާސީ އާއި ހިލާފަށް މައިމޫނާ މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މައިމޫނާ ހައްޔަރު ކުރުމަށް ޖާބިރު ވަނީ ގޮވާލައިފައެވެ. މީގެކުރިންވެސް މައިމޫނާ މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅު އެޅުމަށް ޖާބިރު ވަނީ ގޮވާލައިފައެވެ.

ޖާބިރުގެ ވާހަކަތައް މެދުކަނޑާލައްވާ ނަޝީދު ވިދާޅުވީ މައިމޫނާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްދީފައިވާ ބުރަ މަސައްކަތްތައް މެންބަރުން ބަލައިގަންނަ ކަމަށެވެ.

“މައިމޫނާގެ ހިދުމަތްތަކާއި އެ ބޭފުޅާ ކޮށްދެއްވާފައިވާ މަސައްކަތްތަކަށް، ހާއްސަކޮށް މި ރޯގާގެ ތެރޭގައި އެ ބޭފުޅާގެ ސާބިތުކަމާއި ހަރުދަނާ ކަމާއި އަޅުގަނޑުމެން ރައްޔިތުންނަށް އިރުޝާދު ދެމުން ދިޔަ ގޮތް، އެއީ އަޅުގަނޑު ހިތުން މަޖިލީހުގެ ހުރިހާ މެންބަރުން އެ ބޭފުޅާއަށް ޝުކުރުވެރިވާން ޖެހޭ ކަމެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް މީގެކުރިން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ނަޝީދު ވަނީ ފާޑުވެސް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.