ޓާޝަރީ ފެންވަރަށް ބަދަލުކުރަން ތިނަދޫ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސާމާނު ފޮނުވައިފި

ތިނަދޫ ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ސާމާނުތައް ގެންގޮސްފައި --

ގދ. ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނު ހެލްތު މިނިސްޓްރީން ފޮނުވައިފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިނަދޫ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޝިނަރީޒްއާއި އިކުއިޕްމެންޓް ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށެވެ.

މީގެއިތުރުން ބަލިމީހުންނަށް ވީހާވެސް އަވަސް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ލެބޯޓްރީގައި އިތުރު މެޝިނެއް ވެސް ބަހައްޓާފައިވާއިރު ސަނީފު ވިދާޅުވީ އެ މެޝިނާއެކު ހޮސްޕިޓަލުން ކުރިން ހެދެން ނުހުންނަ ބައެއް ޓެސްޓްތައް އިތުރުކުރެވި ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ލ. ގަން ހޮސްޕިޓަލުވެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި ޑެންޓަލް ލެބަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލެޕެރޮސްކޮޕީ ސެޓު އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރު ހިމެނެ އެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ގެންގޮސްފައިވެއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން، އެކި ސަރަހައްދުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް އަންނަނީ ތަރައްގީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *