ސަފާރީ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ފަށައިފި

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ކޮމެޓީއެއްގައި: ފޮޓޯ / މަޖިލިސް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ފަށައިފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަފާރީ މައްސަލާގައި ހިމެނޭ ފުލުހުންގެ އިހުމާލެއްވޭތޯ ޕޮލިސް ޕްރޮފެޝަނަލް ސްޓޭންޑާޓްސް ކޮމާންޓްއިންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެޗްއާރްސީއެމްއިން ބަލަމުންދާ ކަމަށެވެ. އެ ތަހުގީގު ނަތީޖާ ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ގަބޫލުރައްވަނީ ކޮންމެ ފުލުސް އޮފިސަރަކަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވެން ޖެހޭނެ ކަމަށެވެ.

ފުލުހުން އަމަލުކުރި ގޮތް ބަލަން ފަށާފައިވާއިރު އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވަނީ އެ މައްސަލާގައި އެންމެ ފުރަތަމަ ސީނަށް ދިޔަ ފުލުހުންނާއި އެވަގުތު ހުޅުމާލެ ޕޮލިސްގެ އިންޗާޖަކަށް ހުންނެވި ފުލުސް މީހާ އާއި ބައްދަލުކުރުމަށް ނިންމާފައެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *