8 އަހަރުވީ އިރު ކުޅުދުއްފުށީގެ 105 ފުލެޓު އެއްވެސް މަސައްކަތެއް ނުކުރެވޭ: ޔާސިރު

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް

ރައީސް ނަޝީދުގެ ވެރިކަމުގައި ފައްޓަވައިދެއްވި ފްލެޓުތަކުގެ ތެރެއިން 105 ފްލެޓު 8 އަހަރު ވީއިރު އަދިވެސް އެއްވެސް މަސައްކަތެއް ނުކުރެވޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ގުޅީފަޅުގެ މަޝްރޫއުގެ ރިޕޯޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މާލެއެކޭ އެއްގޮތަށް ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އެބަހުރިކަން ފާހަގަ ކުރަމުން ޔާސިރު ވިދާޅުވީ މިއީ ހިތާމަކުރާ ކަމެއްކަމަށާއި ދިވެހިރާއްޖޭގައި މިތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެންޖެހޭނެކަމަށެވެ.

މީގެ އިތުރުން ޔާސިރު ވިދާޅުވީ ގޯތިގެދޮރުގެ ދަތިކަން މާލެއަށްވުރެން ބޮޑަށް ފޯރާފައި އޮތް އެއްވެސް ސަރަހައްދެއް ނެތްކަމަށާއި އެއީ މި އޮތް ހުރިހާ ދުވަހު ވެރިކަންކުރި ވެރިން، އެކަން އެގޮތަށް ބޭނުންވެގެން، އެކަން އެގޮތަށް ކުރިއަށްދާ ގޮތަށް ބައްޓަންކުރުމމުން ދިމާވި ކަމެއްކަމަށް ޔާސިރު ފާހަގަ ކުރިއެވެ.

ގުޅީފަޅުގެ މަޝްރޫއުއަކީ ރަނގަޅު ޕްރޮޖެކްޓެއްކަމަށާއި ހިންގަންޖެހޭ ޕްރޮޖެކްޓެއްކަމަށާއި އެހެންނަމަވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށް، ބޯހިޔާވަހިކަން ނުލިބި، މި ތަނަށް 1.5 ބިލިއަން އެޅުމަކީ ގަބޫލުކުރާނެ އުޒުރެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން އެކަމުގައި ވަންޏާ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގައި ހަމަ އެއް ހަމަޔަކުން ޢަމަލުކުރެވެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. 1.3 ބިލިއަން ރުފިޔާ އަޅުގަނޑުމެން ފެންމައްޗަށް މި ތަން ނަގަން ޚަރަދުކުރާއިރުގައި، އަޅުގަނޑުމެން ހަމަ އެބަޖެހޭ ކުޅުދުއްފުށީގެ ބަނދަރަށް ވެސް އިންސެންޓިވްސް ދީގެން އެ ކަންތައްތައް ވެސް ތަރައްޤީކުރެވޭނެ އުސޫލުތަކެއް ގެންނަން

ދައްކަވަމުން ޔާސިރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކުރެވިފައި ހުރި ސަރވޭތަކުން ދައްކާގޮތުގައި 2050 އަންނައިރު، މި ދާ ގޮތަށް ދާނަމަ، އެންމެން މާލެ ސަރަހައްދަށް ޖަމާވާނެ ކަމަށާއި އެހެންކަމުން، މިކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭކަން ޔާސިރު ފާހަގަކުރިއެވެ.

މީގެ އިތުރުން ޔާސިރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފެނިގެންދިޔައީ ދިވެހި ރާއްޖެއަށް ތަރައްޤީ އައިއްސިއޭ ދަންނަވާފައި، މާލޭގައި 25 ބުރީގެ އިމާރާތެއް ނިންމާފައި، އެ ފޮޓޯ މުޅި ރާއްޖޭގައި ބޭނުންކުރަމުންދިޔަތަން ކަމަށެވެ،

މިސަރަހައްދުގައި ބްރިޖެއްގެ ފޮޓޯ، އަޅުގަނޑުމެންގެ ކުޅުދުއްފުށީގައި އިން އައިމިނަ ދައިތަ ވެސް ބަލާފައި މިއީ ތަރައްޤީ ކަމަށް ބުނަމުންދިޔަ. އެހެންނަމަވެސް، އެ ރައްޔިތު މީހާއަކަށެއް ވީ ފައިދާއެއް ނެތް. މި ތަނުގައި ބްރިޖްއެއް އަޅައިގެންނެއް އަޅުގަނޑުމެން އެތަނުގައި، ރަށުގައި އިން އައިމިނަ ދައިތައަކަށް ވީ ފައިދާއެއް ނެތް. އެހެންނަމަވެސް، މިއަދު ދިވެހި ރާއްޖެ އޮތް ގޮތުން އަޅުގަނޑުމެން އެންމެން، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ ޚަރަދެއް ކުރެވުނު ކަމުގައި ވިޔަސް، ކޮންމެ ހިސާބެއްގައި ބްރިޖެއް އެޅުނު ކަމުގައި ވިޔަސް،

އެންމެން ދައްކާ ޓެކްސް ފައިސާ ހަމަހަމައަށް ބެހެންޖެހޭކަން ފާހަގަ ކުރަމުން ޔާސިރު ވިދާޅުވިއެވެ.

ޕީ.ޕީ.އެމްގެ ނިއުސް ކޮންފަރެންސެއްގައި އިއްޒަތްތެރި މެންބަރު، މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ސަޢީދު، ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުން ޔާސިރު ބުނެފައިވަނީ ގުޅީފަޅު ހިއްކާފައި، ދިވެހިރާއްޖޭގަ އަށާރަ އަހަރުން ދަށުގެ ހުރިހާ އެންމެންނަށް އެ ސަރަހައްދުން ބިން ދިނުމަކީ ސީދާ ދެކޮޅު ކަމެއްކަމަށެވެ.

އަޅުގަނޑުމެން އަބަދުވެސް މި ވަކާލާތުކުރަނީ ދިވެހިރާއްޖެ ހިނގަންޖެހޭނީ ލާމަރުކަޒީ ނިޒާމަށް. އަނެއްކާ އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، ދިވެހިރާއްޖޭގެ ހުރިހާ އަށާރަ އަހަރުވާ ޒުވާނުންނަށް އަނެއްކާވެސް މާލޭ ސަރަހައްދުގައި މި ތޮއްޖެހުމުގައި ދިރިއުޅުމުގައި އުޅޭކަށެއް. މިއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ގޮތަކީ

ޔާސިރުގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published.