ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފި

ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ: ފޮޓޯ / ހެލްތު މިނިސްޓްރީ

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ ނެރުއްވި ގަރާރެއްގައި ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 33ވަނަ މައްދާގެ ދަށުން އެމަނިކުފާނަށް ލިބިފައިވާ ބާރުގެ ދަށުން މިދިޔަ މާޗު މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ހިނދު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ބިރު އަދިވެސް އޮތުމުން ކުރިން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮންނާނެ ކަމަށެވެ.

އެހެންކަމުން އަންނަ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު އަމީން ނެރުއްވި ގަރާރުގައި ވިދާޅުވެފައިވެއެވެ.

އަދި މި މުއްދަތުގައި އާއްމުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށްވެސް މިނިސްޓަރު އަމީންގެ ގަރާރުގައިވެއެވެ.

މިއަދުވެސް ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި، ބަންގްލަދޭޝްގެ 7 މީހެއްގެ އިތުރުން އިންޑިއާގެ މީހެކެވެ.

މި 13 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2337 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 397 މީހަކަށެވެ. އަދި މިއަދު ބަލިން ރަނގަޅުވި 16 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1927 އަށް އަރާފައެވެ.

Leave a Reply

Your email address will not be published.