އެންއީއޯސީގެ މަސައްކަތް ހެލްތުގެ ދަށަށް ބަދަލުކޮށް މަސައްކަތް މުޅިން އެހެން ހަރުފަތަކަށް

ރައީސް ސޯލިހު މިއަދު ހަވީރު އެންއީއޯސީ އަށް ވަޑައިގެން މުވައްޒަފުންނާއި ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، ރައީސް ވިދާޅުވީ މި ބަދަލާއިއެކު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެން.އީ.އޯ.ސީ ގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މުޙާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ކޯވިޑް-19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

އަދި، ބައެއް އެހެން ޤައުމުތައް ދިޔަފަދަ ގޯސް ޙާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ޙާލަތަށް އާދެވިފައި ވަނީ ޞިއްޙީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވެވިއެވެ.

ރައީސް ސޯލިހު މިއަދު ހަވީރު އެންއީއޯސީ އަށް ވަޑައިގެން ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމުގައެވެ.

މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ކުރެއްވި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެން.އީ.އޯ.ސީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެ ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *