އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަނުކޮށް ސައްހަ ކޮންޓެންޓު ބްރޯޑްކާސްޓު ކުރަން އެދިއްޖެ

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންތައް ބައްދަލުވުމެއްގައި ---

ޖިންސީ އަނިޔާ އާއި ރޭޕްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަނުކޮށް ސައްހަ މައުލޫމާތުތައް ބްރޯޑްކާސްޓު ކުރުމަށް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންގެ ކިބައިން ބްރޯޑްކާސްޓިން ކޮމިޝަނުން އެދިއްޖެއެވެ.

ބްރޯޑްކޮމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ހަބަރުތަކާއި މައުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގޮތަށް ހަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރަށް އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ހައްގަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ. އަދި އެފަދަ ހާދިސާތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ ހާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް މުޖުތަމައުއަށް ކުރާނެ ކަމެއް ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އެހެންކަމުން ޖިންސީ ގޯނާގެ ހާދިސާތަކާ ގުޅޭގޮތުން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަ ނުކުރުމަށާއި ހާދިސާ ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށްވެސް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ.

މީގެއިތުރުން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި “ބްރޯޑްކާސްޓު ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން” އާއި “ބްރޯޑްކާސްޓަކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަމަލުކުރަންވީ ގައިޑްލައިން” އާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުން ވެސް އަމަލުކުރުމަށް އެ ކޮމިޝަން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ހަމަތަކާ ހިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބްރޯޑްކޮމް އިން މިފަދައިން އެދިފައި މިވަނީ އަނިޔާ ލިބުނު ފަރާތް އިތުރަށް ވިކްޓިމައިޒްވާ ގޮތަށް މިޑީއާތަކުން ދޮގު ހަބަރު ނުފަތުރާކަން ކަށަވަރުކުރުމަށް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެންގުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިއަދު ނިންމާފައި ވަނިކޮށެވެ.

އެކޮމެޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅުނުއިރު ކަން ހިނގައިދިޔަ ތަނަށް ދިޔަ ފުލުހުންވެސް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *