ހާލުބޮޑުވެ ކޮވިޑަށް ފަރުވާ ހޯދާ ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ތިން މީހަކު ހާލު ބޮޑުވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އެ ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އިތުރު ފަރުވާ އަށް ކަމަށެވެ، އަދި ބުނީ އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ ވެސް ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އެޗްޕީއޭ އިން ބުނީ އެމީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ.

އިއްޔެގެ އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެއިން 19 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. މިއާއި އެކުގައި މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2324އެވެ.

އިއްޔެ ވަނީ ބަލި ޖެހުނު މީހުންގެ ތެރެއިން 36 މީހަކު ބަލިން ރަނގަޅުވެސް ވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1911 އަށް އަރާފައެވެ. މިހާތަނަށް މި ބައްޔަށް ފަރުވާ ދެމުން ދަނީ 400 މީހަކަށެވެ.

މި ބަލީގައި ރާއްޖެއިން ވަނީ 8 މީހަކު މަރުވެފައެވެ.

Leave a Reply

Your email address will not be published.