ސަފާރީ ރޭޕް: ސީނަށް ދިޔަ ފުލުހުން ކޮމެޓީއަށް ހާޒިރު ކުރަނީ

ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅުނުއިރު ކަން ހިނގައިދިޔަ ތަނަށް ދިޔަ ފުލުހުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މި ހުށަހެޅުން ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއެވެ. ރޮޒެއިނާގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒުއެވެ. އަދި އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ އިއްތިފާގުންނެވެ. ރޮޒެއިނާ ވަނީ މިއަދުގެ ކޮމެޓީގައި ފަސް ހުށަހެޅުމަށް ހުށަހަޅާފައެވެ.

ރޭޕް ކޭސް އާއި ގުޅިގެން ރޮޒެއިނާ ހުށަހެޅުއްވި ހުށަހެޅުންތައް: 

- އަނިޔާ ލިބުނު ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރުކޮށްދިނުން

- ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބަލައި، އެކަން ކޮމިޓީއާ ހިއްސާކުރުން

- އަނިޔާ ލިބުނު އަންހެން މިހާގެ ފަރާތުން މިކަމުގެ މައުލޫމާތު ސާފުކުރުމަށް އޭނާއާ ބައްދަލުކުރުން

- އަނިޔާ ލިބުނު ފަރާތް އިތުރަށް ވިކްޓިމައިޒްވާ ގޮތަށް މިޑީއާތަކުން ދޮގު ހަބަރު ނުފަތުރާކަން ކަށަވަރުކުރުމަށް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެންގުން

- ސީނަށް ދިޔަ ފުލުހުންނާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖާ ވަކިވަކިން ބައްދަލުކުރުން

މިއަދުގެ ކޮމެޓީގައި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކި މީޑިއާތަކުގައި މި މައްސަލާގައި ހަބަރު ފަތުރާފައިވާ ގޮތެވެ. އެކި މީޑިއާތަކުން އެކި ގޮތް ގޮތަށް ހަބަރު ފަތުރާފައިވުމަކީ މައްސަލަ ތަހުގީގު ކުރުމަށްވެސް އެޅުގެން ދާނެ ހުރަހެއް ކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި މައްސަލާގައި ފުލުހުން އަމަލު ކޮށްފައި އޮތް ގޮތަކީވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ޝާމިލުވާ ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެއް ފިރިހެނަކީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދުގެ ފިރިމީހާ ކަމަށް ބުނަމުންދާތީ އެކަމާއި މެދުވެސް މެންބަރުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ޖީހާންގެ ފޮޓޯ ބޭނުން ކުރާތީ މެންބަރުން ކަންބޮޑުވިއެވެ. އެ މައްސަލާގައި ޖީހާންގެ ފަރާތުން ކޮމެޓީއަށް ދިން އެއްބާރުލުންތައް މެންބަރުން ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.