ތުހުމަތު ކުރެވޭ މީހުން ދޫކޮށްލީ މެމްބަރެއްގެ ނުފޫޒުން ކަމަށް ނުދެކެން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި: ފޮޓޯ / މަޖިލިސް

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލީ އެތަނުން އެކަކަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ ކަމަށްވާތީ އެ މެންބަރުގެ ނުފޫޒުން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މީހަކު ހައްޔަރުގައި ބެހެއްޓުން ނުވަތަ ދޫކޮށްލުން އެއީ މަޖިލީހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ހިނގާނެ ކަމެއް ކަމަށް އެއްވެސް ރައްޔިތަކު ދެކިވަޑައި ނުގަތުމަށް އެދޭ ކަމަށެވެ.

“ފުލުހުން މީގައި ބުނެފައި އޮތީ އޭނާގެ ތަހުގީގު އޭރަށް ކުރަން އޮތް މިންވަރަކަށް ކޮށްފައިއޭ އޭނާ ދޫކޮށްލީ. ދެން އޭނާ ހައްޔަރުގައި ނެތުން އެއީ މަޖިލިހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ދެކިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް މަޖިލީހުގެ މެންބަރެއް ކަމަށްވީ ނަމަވެސް އަދި ދައުލަތުގެ އެހެން އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވީ ނަމަވެސް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

“ހާއްސަކޮށް ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ތަހުގީގުތަކުގައި މަޖިލިހުގެ އެއްވެސް މެމްބަރަކު، އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ވެސް ކަމަކާ ހަވާލުވެ ހުރި މީހަކަށް ވެސް، އިރުޝާދެއް ދިނުން ވެސް ލަފައެއް ދިނުން ވެސް، މައުލޫމާތެއް ހޯދުމަށް ވެސް، ފޯނުކޮށް ހަދައި ގުޅުއްވުމަކީ ރަނގަޅު ކަމެއް ނޫން. އެއީ މި މަޖިލީހުން އެއްގޮތަކަށް ވެސް ހަމަކަށަވަރުން ވެސް ރިޔާސަތުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

ރޭޕްގެ މި މައްސަލަ ބޮޑުވެފައި މިވަނީ އެ މައްސަލައިގެ ތުހުމަތު ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ އަށް ކުރަމުން އަންނާތީއެވެ. އަދި މި މައްސަލާގައި ސިޔާސީ ގޮތުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.