ރޭޕްގެ ޝިކާރައަކަށްވި މީހާއަށް ވަކީލެއް ނުލިބޭ!

ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ: އޭނާ މަޖުބޫރީ ހާލަތެއްގައި ހުރި ކަމަށް ބެލޭވޭ ކަމަށް މެމްބަރު މީކާއިލް ވިދާޅުވި

ހުޅުމާލޭ ސަފާރީއެއްގައި ރޭޕްގެ ޝިކާރައަކަށްވި ބޭރު އަންހެން މީހާއަށް އިއްޔެއާ ހަމައަށް ވެސް ޤާނޫނީ ވަކީލަކު ނުލިބިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވީ އިއްޔެއާ ހަމައަށް ވެސް އޭނާއަށް ވަކީލަކު ނުލިބޭ ކަމަށް މައުލޫމާތު ލިބުނީ އިތުރުބާރު ކުރެވޭ މަސްދަރަކުން ކަމަށެވެ.

"އަޅުގަނޑަށް ކްރެޑިބަލް ސޯސްއަކުން [އިތުރުބާރު ކުރެވޭ މަސްދަރަކުން] މައުލޫމާތު ލިބުނު އިއްޔެއާ ހަމައަށް ވެސް އެ ޝިކާރައަކަށްވި މީހާއަށް ލޯޔަރެއް ލިބިފައި ނުވާ ކަމަށް،" މީކާއިލް ވިދާޅުވިއެވެ.

ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާއާ ހަވާލާދީ މީޑިތަކުން ގެނެސްދީފައިވާ ރިޕޯޓަކީ އޭނާ ދިން އިންޓަވިއުއަކަށް ގެނެސްފައިވާ ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުނެފައިވާތީ، އެކަމާ މީކާއިލް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

"ފުލުހުންގެ ބަޔާނުގައި އަދި އެބަ ބުނޭ، ޖިންސީ ޝިކާރައަކަށްވި މީހާ އެއްވެސް މީޑިއާއަށް އިންޓަވިއު ދީފައި ނުވާ ކަމަށް އޭނާ ބުނާ ކަމަށް. އަޅުގަނޑަށް މިއަދު ފުލުހުން ބުނާ ވާހަކަ ގަބޫލުކުރަން ދަތި. އޭނާ އިންޓިމިޑޭޓްވެފައި ނެތް ކަމެއް އަޅުގަނޑަކަށް ނޭނގޭ،" މީކާއިލް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published.