އަދުލު އިންސާފުގެ ނިޒާމުގައި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަމެއް ނެތް: އީވާ

ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިން ފާހަގަ ކުރެވެނީ އަންހެނުންނަށް ރައްކާތެރިކަން ނެތުމާއި އަދުލު އިންސާފުގެ ނިޒާމުގައި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ނެތްކަން ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑަށް ފާހަގަވާ މައްސަލައަކީ އަންހެނުންނަށް ރައްކާތެރިކަން ނެތުމާއި ބާރުގަދަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކަމަށާއި އަދި އެފަދަ މީހުން މައްސަލައިން ރެކި ގަތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުން އިންސާފަށާއި ކަން ހިނގައިދިޔަ ގޮތާއި ހަގީގަތް ހޯދުން ނޫން އެހެން ގޮތެއް ބޭނުން ނުވާ ކަމަށް އީވާ ވިދާޅުވިއެވެ. މަޖިލީހުން މިއަދު އެ މައްސަލަ ބަލަނީ ވެސް އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައި ދިނުމަށް ކަމަށާއި އެ މައްސަލައިން ރެކެން ބޭނުން ނުވާތީ ކަމަށެވެ. އީވާ ވަނީ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިއުމުގައި އަންހެން އަނިޔާ ލިބުނު މީހާގެ އަޑު އަހަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"އެއީ ފުލުސް އޮފީހުން ކަމަށް ވިޔަސް، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކަމަށްވިޔަސް، ކޯޓުން ވިޔަސް، މަޖިލިހުން ވިޔަސް އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާގެ ވާހަކަ ގަބޫލުކޮށްގެން މައްސަލަ ބަލަން ފަށަން ޖެހޭނީ، އިންސާފު ލިބެންދެން، ހަގީގަތް އެނގެން ދެން،" އީވާ ވިދާޅުވިއެވެ.

ރޭޕްގެ މި މައްސަލަ ބޮޑުވެފައި މިވަނީ އެ މައްސަލައިގެ ތުހުމަތު ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ އަށް ކުރަމުން އަންނާތީއެވެ. އަދި މި މައްސަލާގައި ސިޔާސީ ގޮތުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.