ސަރުކާރާ މެދު ހިތްހަމަ ނުޖެހޭތީ އެމްޑީޕީގެ ކެންޑިޑޭޓަކު ޓިކެޓު ދޫކޮށްލައިފި

މިއުނާ ---

އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓަކު ސަރުކާރުން ބައެއް މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތް ކަމު ނުދާތީ އެމްޑީޕީގެ ޓިކެޓު ދޫކޮށްލުމަށް ނިންމައިފިއެވެ.

އެގޮތުން ޓިކެޓު ދޫކޮށްލުމަށް ނިންމި ކެންޑިޑޭޓަކީ ހއ. މުރައިދޫ ރަށު ކައުންސިލުގެ މެމްބަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނިންމި މިއުނާ ހަސަންއެވެ. މިއުނާ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައީ ކޮންކްރީޓު ތަރައްގީ އަކީ ހަމައެކަނި ތަރައްގީ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އެގޮތުން އޭނާ ވޯޓު ދިނީ އިންސާފުވެސް މި ސަރުކާރުން ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކުގައި ލިބިގެން ދާނެ ކަމުގެ އުއްމީދުގައި ކަމަށް މިއުނާ ބުންޏެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް އުއްމީދު ކުރި ގޮތަށް އިންސާފު ލިބެމުން ނުދާތީ އެކަމާއި އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް މިއުނާ ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ލަދުވެތިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން އެ ސަބަބުތަކާއި ހުރެ އޭނާ ވަނީ ޓިކެޓު ދޫކޮށްލަން ނިންމާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން ދޫކޮށްލުމުން ސަރުކާރަށާއި ތަހުގީގީ އިދާރާތަކަށް އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އެތައް ބަޔަކު އަންނަނީ އެ މައްސަލާގައި ޝާމިލުވާ މީހުންގެ ވަނަވަރު ހާމަ ކުރުމަށް ގޮވާލަމުންނެވެ.
އެ މައްސަލާގައި ޝާމިލުވާ އެކަކަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން އެ މައްސަލަ އަށް ސިޔާސީ ނުފޫޒު ވަދެ މައްސަލަ އޮއްބާލުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގެ ތުހުމަތު އާއްމުން އަންނަނީ ކުރަމުންނެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީން ބެލުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published.