ސަފާރީ ރޭޕް: މައްސަލަ އޮއްބާނުލާ ޝާމިލުވާ މީހުންގެ ވަނަވަރު އާއްމުކުރަން ގޮވާލައިފި

އިދިކޮޅު ޕީޕިއެމް އަދި ޕީއެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މިހާރު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އެ މައްސަލަ އޮއްބާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ފުލުހުން އަމަލުކުރަމުން އަންނަ ގޮތުން ކަންބޮޑުވުންފާޅުކޮށް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ދިވެހި ދެ ފިރިހެނަކު ވެގެން ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައިގައި، ތަހުގީގީ އިދާރާ ތަކުން ކަންކޮށްފައިވާ ގޮތާއި މެދު އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެމައްސަލައިގައި ހިމެނޭ ދެ ފިރިހެނުންގެ މައްސަލަ ނުބަލާ އޮއްބާލުމަށް މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ބާރުހުރި ފަރާތްތަކެއްގެ ނުފޫޒުންކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާތީ، އެމައްސަލަ އޮއްބާލުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެން މީހާއަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވުމާއި، އޭނާއަށް ދޭންޖެހޭ ފަރުވާގެ އިތުރުން އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކުން އަރައިގަތުމުގައި ވެސް ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ދީފައި ނުވުމަކީ ވެސް އެ ކޯލިޝަންގެ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ލިބެންޖެހޭ ކަމާއި، އަދި އެ ފަރާތްތަކުގެ މައްސަލަ ހުށަހެޅި ތަހުގީގުކޮށް ޝަރީއަތް ހިންގަމުންދާ ދުވަސްވަރު ވެސް މުޖުތަމައުއަށް ދޫވެފައި ތިބުމަކީ މުޖުތަމައު ތެރޭގައި ހާއްސަކޮށް އެމީހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތްތައް އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރެވި މައްސަލަ ކުރިއަށްދާ މުއްދަތުގައި އެފަރާތްތައް މުޖުތަމައު ތެރެއަށް ހޫނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ. އަދި ރޭޕްގެ ޝިކާރައަކަށްވި ބިދޭސީ އަންހެން މީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުން އަވަސްކޮށް، އޭނާއަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. އެއާއެކު، އަންހެން މީހާ ރޭޕް ކުރުމުގައި ބައިވެރިވި ފަރާތްތަކުގެ ވަނަވަރު އާންމުކޮށް ހާމަކުރުމަށާއި، އެ ފަރާތްތައް މިހާރުން މިހާރަށް ހައްޔަރުކޮށް ތަހުގީގުކޮށް ޝަރީއަތް އަވަސް ކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.

މިފަދަ ލާއިންސާނީ، އަނިޔާވެރި އަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖްތަމައުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫން ކަމަށާއި ފަހަކަށް އައިސް ރާއްޖޭގައި ރޭޕްކުރުމާއި، ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އަމަލުތައް ގިނަވަނީ އެފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ދައުލަތުގެ މުއައްސަސާތަކުން ފަރުވާ ކުޑަކޮށް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރާތީ ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *