ފުލުހުންގެ ބަޔާން: އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން ފެށުމުން ސަލާމަތްވާން ފުންމާލީ މޫދަށް

ހުޅުމާލެ ފަޅުގައި ސަފާރީތަކެއް އަޅާފައި

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ދެ ފިރިހެނުން ވެގެން ޖިންސީ ގޯނާ ކުރަން ފެށުމުން ސަލާމަތްވުމަށް އެ އަންހެން މީހާ ފުންމާލީ މޫދަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 25ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 26ވަނަ ދުވަހުގެ ފަތިހު 5:00 އެހާއިރު ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވުމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މައުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ، މި މަހުގެ 25ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، އެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުންނާއި އެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށެވެ. އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި ކަމަށާއި އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެކަން ފުލުހުންނަށް ހުށަހެޅުމުން އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ މި މަހުގެ 26ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ހިލާފަށް، އަނިޔާ ލިބުނު މީހާގެ ފަރާތުން ދިން މައުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން، އެމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއްކަމުގައި އެ އަންހެން މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

އަދި އެމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައި ނުވާނެ ކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މައުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އަންހެން މީހާ އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އަނިޔާ ލިބުނު ފަރާތަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި މިފަދަ ނާޒުކު މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަގީގަތާ ހިލާފަށް އަދި އަނިޔާ ލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ސޯޝަލް މީޑިއާގައި އެފަދަ މައުލޫމާތު ދައުރުކުރުމުގައިވެސް ކަމުގެ ހަގީގަތް އޮޅުން ފިލުވައި ޒިންމާދާރު ކަމާއެކު މައުލޫމަތު އާންމުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *