ޝިދާތާގެ ބަސް: ޖީހާންގެ ދެފައި ކުރިން އެއްތާކު ނުޖެހޭ!

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ އަދި ހިންނަވަރު ދާއިރާގެ މެންބަރު އަދި ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން ---

މައްސަލަ ބޮޑުވެފައިވާ ރޭޕް މައްސަލާގައި މިސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާންއަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެ އެކަން ހައްލު ކުރުމުގައި ޝިދާތާ ފެއިލް ވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިއުމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީގަ އާއި މަޖިލީހުގެ ތަޅުމުގައި ޝިދާތާ އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރުތައް ދިޔައީ ދެމުންނެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާއި ގުޅިގެން ތަފާތު އެކި ފަހަރު މަތިން ޖެންޑާ ކޮމެޓީއަށް ޝިދާތާ ވަނީ ހާޒިރުކޮށްފައެވެ.

މި ދުވަސްވަރަކީ އަނެއްކާވެސް ވަރަށް ބޮޑަށް ޖިންސީ އަނިޔާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. ހާއްސަކޮށް ސަފާރީގައި ބިދޭސީ އަކު ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުން އާއްމުން އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އެމީހުންގެ މައުލޫމާތުތައް ހާމަ ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

އެކަމާއި ގުޅިގެން ޝިދާތާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ވަޒީރުކަމުގައި ކުޑަކުދިންނާ އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު "ދެފައި އެއްތާ ނުޖަހާ" ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެފަދަ މައްސަލަ ތަކުގައި މެމްބްރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ވެސް ފެނިގެން ދިޔަ ކަމަށާއި އޭރު ކަންބޮޑުވުން ފާޅުކުރި މައްސަލައިގެ ހިމެނޭ ޑިސެބިލިޓީ އެންބެސެޑަރުވެސް މިހާރު ދޫވެފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

"އެފަދަ އެތައް މަސައްލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ. އޭރު އަޅުގަނޑުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް. މީޑިއާތަކުގައި މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ޝިދާތާގެ އިސްތިއުފާއާ އެކު ނިދިއްޖެ،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ހެޔޮ ނިޔަތުގައި އެދުވަހުވެސް ތެދުވެ ތިބިނަމަ މިއަދުވެސް އެމަންޒަރު އެގޮތަށް ފެނުނީސް ކަމަށެވެ. މުޖުތަމައުގެ އެފަދަ މައްސަލަތަކަކީ ވަކި މީހަކު ފުނޑާލަން ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެކަން ފާހަގަކުރައްވާ ޝިދާތާ ވިދާޅުވީ މިއަދުވެސް ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށް ދާތަން ކަމަށެވެ.

ރޭޕްގެ މައްސަލާގައި ޖީހާންގެ ފިރިމީހާގެ އަތެއްވާ ކަމަށް އަޑު އަރާފައި ވަނިކޮށް އޭނާ މުގައްރިރުކަން ކުރައްވާ ޖެންޑާ ކޮމެޓީން ވަނީ ރޭޕްގެ މައްސަލަ ބެލުމަށް ނިންމާ އެކަން މާދަމާ އަށް އެޖެންޑާކޮށްފައެވެ. ނަމަވެސް ޖީހާން ވަނީ ކޮމެޓީން ތަނާޒުލުވާން ނިންމާފައެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *