ރޭޕް ރިޕޯޓުކުރަން ޖެހިލުންވެ، ރޭޕިސްޓުން މުޖުތަމައަށް ދޫވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް/ ފޮޓޯ: މަޖިލިސް

ރޭޕްގެ ޝިކާރައަކަށްވާ މީހުން ރިޕޯޓު ކުރުމަށް ޖެހިލުންވާތީ އާއި ރޭޕިސްޓުން މުޖުތަމައު އަށް ދޫވާ މައްސަލާގައި ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ،) އަދި (ބ) އުނިކުރުމަށެވެ. އެ މާއްދާ އަކީ ކުށުގެ ޝިކާރައަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކި ބަޔާންކުރާ މާއްދާއެވެ.

އެގޮތުން އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަޚްލާޤާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާ މެދު ހިނގާފައިވާ ކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭ ފަދަ ޙާލަތެއް ކޯޓަށް
ފާހަގަވުން ކަމަށެވެ.

އެ މާއްދާގެ (ރ)ގައި ބުނެފައިވާ ގޮތުގައި ކުށުގެ ޝިކާރައަށްވި ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިޢާޔަތްކުރާއިރު، މަތިކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށް ވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ބެލެވޭނެ ފުރުޞަތު ލިބިދޭ ޙާލަތެއް ވުޖޫދުގައިވާ ކަމަށް، ކޯޓަށް ޤަބޫލުކުރެވުން ހިމެނެއެވެ.

މީގެއިތުރުން އެ މާއްދާގެ (ބ)ގައި ބުނެފައިވަނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވި ފަރާތާ ދެމެދު އޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހި ވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުން ކަމަށެވެ.

މީކާއިލް ވިދާޅުވީ އޭނާ އެ އިސްލާހު ހުށަހެޅުއްވީ މިހާރު ގާނޫނު އޮތްގޮތުން ޝިކާރައަށްވާ ފާރަތް ރޭޕް ރިޕޯޓުކުރަން ޖެހިލުންވެ، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު ބޮޑުވާ ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ހުށަހެޅީ އެ ބޭނުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މީކާއިލް ވިދާޅުވީ ރޭޕްކުރަނީ ޝިކާރައަށްވާ ފަރާތް ލާ ހެދުމާއި އޭނާގެ އަބުރުވެރިކަމާއި އަހްލާގަށް ބެލުމަށްފަހު ނޫން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *