އާއްމުން ރުޅިގަދަވެ ރަތަށް، ރޭޕް ކުރި މީހުން ހައްޔަރު ކުރަން އުފުލާ އަޑު ގަދަވަނީ

ޖިންސީ އަނިޔާ އާއި ރޭޕް ކުރުމާއި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގައި މީހަކު ޕޯސްޓަރެއް ހިފަހައްޓައިގެން: ފޮޓޯ / ސަން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިންގި އޮަޕަރޭޝަނެއްގައި ދެ ދިވެއްސަކު ހައްޔަރުކުރިއެވެ. އެ ދެމީހުން ހައްޔަރުކުރީ ރާއްޖޭގައި އެކަމެއްގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ޖިންސީ ގޯނާގެ މައްސަލައެއްގައެވެ. އެމީހުން ހައްޔަރުކުރީ ސަފާރީއަކުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރީ އެ ސަފާރީގައެވެ.

ނަމަވެސް ޖެހިގެން އައިސް ދުވަހު ފުލުހުން ބުންޏެވެ. ކުށުގެ ވެށިން ފުލުހުން ހައްޔަރުކުރި 39 އަހަރުގެ އެ ދެ މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ފުލުހުން ބުނީ އެ ދެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުންނެވެ. އެއީ އާއްމު ގޮތެއްގައި ބައެއް ހާލަތްތަކުގައި ކަންކަންވާ ގޮތެވެ. އެހެންކަމުން އާއްމުންވެސް އެކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

ނަމަވެސް ކުއްލި ގޮތަކަށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. އަދި އެކަމުގެ ސަބަބުން އެ މައްސަލައަށް ނުފޫޒު ފޯރުވާ އެއްކަލަ މުއްސަނދި މީހާ އަށް ނުވަތަ ބާރު ހުރި މީހާގެ ކުރިމަތީގައި ގާނޫނު ކުޑަކަކޫ ޖައްސުވާ މައްސަލަ “އޮއްބާލަން” މަސައްކަތް ކުރާ ކަމުގެ އަޑުތައް ގަދަވިއެވެ. މިކަމުގެ ސަބަބުން އާއްމު ރައްޔިތުން ސޯޝަލް މީޑިއާގައި ރޭޕް ކުރުން ފަދަ އަމަލުތައް ކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް އަންނަނީ ގޮވާލަމުންނެވެ. އެފަދަ މީހުންނަށް މި ސަރުކާރުން ހިމާޔަތް ދޭނެ ކަމަށް ހީނުކުރާ ކަމަށާއި މުއްސަނދިންނާއި ބޮޑެތި މީހުންނާއި ފަގީރުންނާއި އާއްމު ރައްޔިތު މީހާގެ ފަރަގު ކުޑަކުރަން އިންކަމް ޓެކްސް ނެގި ނަމަވެސް ފަރަގު ކުޑަ ނުވާނެ ކަމަށާއި މިފަދަ ޖިނާއީ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުންނަށްވެސް އަދަވު ދޭންޖެހޭނެ ކަމަށް އަންނަނީ ގޮވާލަމުންނެވެ.

މިއަދު މުޅި ސޯޝަލް މީޑިއާގައި އެއް އަޑަކަށް ދައްކަމުން އަންނަނީ އެ ވާހަކައެވެ. އެންމެ ފަހުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންނަށް ކެތެއް ނުކުރެވުނެވެ. އާއްމުންގެ ޝުއޫރުތަކާއި އާއްމުން ކެކި އަރާތައް ބަލަން ނުހުރެ އެމީހުންނާއި ބައިވެ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ޓްވީޓެއް ކުރެވިއެވެ. ވިދާޅުވީ ރޭޕްކުރާ މީހުން ދޫކޮށްގެން ނުވާނެ ކަމަށާއި އެމީހުން ހިފާ ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް ވައްޑެ ވަނީ ގޮވާލައިފައެވެ.

ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީހަކު ކުރި ނަމަވެސް ރޭޕް އަށް ނުވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ވެސް ވަނީ އެފަދަ މީހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ. ބައެއް ފަރާތްތަކުން އެ މައްސަލާގައި ޝާމިލުވާ ކަމަށް ބުނާ މީހާއާ އޭނާއާ ގާތް ގުޅުމެއް އޮންނަ މަޖިލިސް މެންބަރުގެ ފޮޓޯތައް އާއްމުކުރަމުން އަންނާތީ ރޮޒެއިނާ ވަނީ އެކަން ނުކުރުމަށް އެދިފައެވެ.

ސޯޝަލް މީޑިއާގެ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ލޫކަސް ޖަލީލް ވިދާޅުވީ ވީގޮތެއް އެނގެން ޖެހޭ ކަމަށާއި އާއްމުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުވެސް ލިބެން ޖެހޭ ކަމަށެވެ.

މިކަމާއި ގުޅިގެން އެންމެ ފަހުން މައުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅޭ ހުރިހާ މައްސަލައެއްގައި ވެސް ބަލަނީ ޖިނާއީ މިންގަނޑުން ހެއްކާއި ގަރީނާ ހުރިތޯ ކަމަށެވެ. އަދި އެއީ ތަހުގީގު ކުރާ ފަރާތްތައް ތަހުގީގުގެ އަލީގައި ނިންމާ ނިންމުންތަކެއް ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގު ކުރުމުގައި ހިމެނެނީ ތަފްސީލް ކަންކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރަމުން ގެންދާތީ ފުލުހުން ބުނީ އެކަންކަން ހާމަކުރެވެން އޮތް މިންވަރަކުން ހާމަ ކުރަމުން ގެންދާނެ ކަމަށެވެ. އެފަދަ މައުލޫމާތުތައް ތަހުގީގުގެ އެހާ ކުރީކޮޅުގައި ހާމަކުރުމަކީ ތަހުގީގަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. ފުލުހުން ބުނީ މައްސަލައިގެ މައުލޫމާތު ހާމަ ކުރުމަށް ވަކި ތަފާތެއް ނުގެން ގުޅޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

Leave a Reply

Your email address will not be published.