ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދަށް އަމަލުނުކުރާތީ ކަންބޮޑުވެއްޖެ

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެއް އަނބުރާ ގައުމަށް ފޮނުވާލުމުގެ ތެރެއިން --

ދެހާސް ސޯޅަވަނަ އަހަރު އަމަލު ކުރަން ފައްޓާނެ ކަމަށް ބުނެފައިވާ "ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު" އަށް މިއަދާއި ހަމައަށްވެސް އަމަލު ނުކުރާތީ މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް އިން ކަންބޮޑުވުންފާޅުކޮށް އިކޮނޮމިކް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފިއެވެ.
އެ ސިޓީގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށް ބުނި ތާރީޚް ފަހަނައަޅާ 1 އަހަރު ފާއިތުވެގެން ދިޔައިރުވެސް އެޤަވާއިދުގެ ހުރިހާ ބައިތަކަށް ޢަމަލުކުރުމުގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރީއިން ޢަމަލުކުރަމުން ގެންދަނީ ޤަވާއިދުގެ ވަކި މާއްދާތަކަށް ކަން ވަނީ ފާހަގަކޮށްފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާފައިވާ ވަޒިފާއާއި ބެހޭ ޤާނޫނުން ބާރުލިބި ހަދާ، އަދި ގެޒެޓްސް ކުރެވިފައިވާ ޤަވާއިދަކަށް ޢަމަލުކުރަން ވަކި ދުވަހެއް ކަޑައެޅުމަށްފަހު އެޤަވާއިދުގެ ވަކިބަޔަކަށް ޢަމަލުކޮށް ވަކިބަޔަކަށް ޢަމަލު ނުކުރުމަކީ ޤާނޫނީ ޢަދުލުވެރި ވެރިކަމާ ބީރައްޓެހި އަދި އެގޮތަށް ޢަމަކު ނުކުރެވޭނޭ ކަމެއް ކަމުގައި އެ އެސޯސިއޭޝަނުން ދެކޭ ކަމަށްވެސް ސިޓީގައިވެއެވެ.
މުޅި ޤަވާއިދަށް ޢަމަލުކުރުމުގެ ބަދަލުގައި ޤަވާއިދުގެ ވަކި ވަކި މާއްދާތަކަށް ޢަމަލު ކުރުމުން ގިނަ ގުނަ އިޖްތިމާޢީ މައްސަލަތަކެއް ފެންމަތިވެ އެތައް ބައެއްގެ ހައްޤުތަކެއް ގެއްލެމުންދާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އެޤަވާއިދުގައިވާ ގޮތުން ރާއްޖެއަށް ރެކުރޫޓް ކުރަން ޖެހޭނީ އެޖެންސީތައް މެދުވެރިވެގެން ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް މިއަދާއި ހަމަށް ބޭނުން ކޮންމެ ފަރާތަކުން ރެކްރޫޓް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. މިއީ އެޖެންސީތަކަށް ޤާނޫނަކުން ލާޒިމުކުރާ ޤަވާއިދަކުން ލިބިދީފައިވާ ހައްޤު ގެއްލޭ ކަމެއް ކަމަަށްވެސް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެއްވެސް ހަމައެއް އުސޫލެއް ނެތި ކޮންމެ މީހަކު ރެކްރޫޓު ކުރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ އިންސާނީ ވަގުވިޔަފާރި އާންމުވެ، އެތައް ބިދޭސީންނެއް ޤަވާއިދާ ޚިލާފަށް އުޅެން ފެށުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ހިތާމައަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަމުގެ އިހުމާލުވެސް އެޖެންސީތަކުގެ ބޮލުގައި އަޅުވާތީ ކަމަށާއި ނަމަވެސް ހަޤީޤަތަކީ ރާއްޖެއަށް އެތެރެވާ ބިދޭސީންގެ 25 ޕަސެންޓު އެތެރެވަނީ އެޖެންސީ މެދުވެރިވެގެން ނޫން ކަމަށް އެ އެސޯސިއޭޝަން އިން ބުނެފައިވެއެވެ. އެކަމުގެ ރެކޯޑްތައް އިކޮނޮމިކް މިނިސްޓްރީގައި ހުންނާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
"ޤަވާއިދުގައިވާ ގޮތުން އެޖެންސީތަކުގެ ބެލެނިވެރި ފަރާތުން އެޖެންސީތަކުގެ ކަންކަން ބަލަހައްޓާ ޤަވާއިދު ރަނުން ރަނަށް ތަންފީޒު ކުރަންޖެހެއެވެ. ނަމަވެސް އެފަދަ ތަންފީޒުތައް ނުކުރުމުން އެޖެންސީތަކުގެ ހައްޤުގެއްލި ބަޔެއް އެޖެންސީތަކުން ކުރާ ކަންކަމުން ހުރިހާ އެޖެންސީތަކުގެ އަގުވެއްޓި ރައްޔިތުންގެ ނުރުން އެޖެންސީތަކަށާއި ސަރުކާރަށް ވަނީ ކުރިމަތިވެފައެވެ. ޤާނުނާއި ޤަވާއިދާ ޚިލާފަށް ބަޔެއް އެޖެންސީތަކުން ފާއިތުވި ތަނުގައި ޢަމަލުކޮށްފައި ހުރިކަން މިނިސްޓްރީގެ ރެކޯޑްސްތަކުން ފެންނަން ހުރިއިރު އެފަދަ އެޖެންސީތަކާއި މެދު ޤާނޫނީ ފިޔަވަޅު ނޭޅިތާންގައި އިދާރީ ފިޔަވަޅެއްވެސް ޢަޅާފައެއް ނުވެއެވެ. މިގޮތުން އެފަދަ އެޖެންސީތަކަށް މިހާރުވެސް ތިޔަ މިނިސްޓްރީއިން ގެންދަނީ ބަރާބަރަށް ޚިދުމަތް ދެމުންނެވެ. ހަމައެހެންމެ އެޖެންސީ ލައިސަންސް ހަމަވެފަ ހުރި އެޖެންސީތަކާއި، ޤަވާއިދުގައިވާ ގޮތަށް އޮފީހާއި އެޖެންސީގެ އެހެނިހެން ޚިދުމަތް ތަރުތީބުވެފައި ނެތް އެޖެންސީތަކަށްވެސް ގެންގަނީ ޚިދުމަތް ދެމުންނެވެ. މިއީ ތިޔަ މިނިސްޓްރީ އިން ރޫލް އޮފް ލޯ ނެގެހެއްޓިފައި ނުވާކަމުގެ ދަލީލެވެ،" އެ އެސޯސިއޭޝަންގެ ސިޓީގައިވެއެވެ.
އެޖެންސީތަކުގެ ޤަވާއިދަށް ޢަމަލުކޮށް އެޖެންސީތަކާއި ގުޅުން ބަދަހި ކުރެވިފައިވީ ނަމަ، ކޮވިޑް19 އާއި ގުޅިގެން ބިދޭސީންގެ ސަބަބުން ދިމާވި ޑިޒާސްޓާގައި ލިބުނު ގެއްލުން ކުޑަކުރެވި އެކަމަށް ދުރާލައި ތައްޔާރުވެވުނުނީސް ކަމުގައި އެ އެސޯސިއޭޝަނުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *