ރޭޕްކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ގޮވާލައިފި

އިދިކޮޅު ޕީޕިއެމް އަދި ޕީއެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން މިކަމަށް ގޮވާލާފައިވާއިރު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ދެ ފިރިހެނަކު ވެގެން ރޭޕްކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ނަމަވެސް އެ ދެ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ދެ މީހަކު ހައްޔަރުކުރުމަށްފަހު އެ ދެ މީހުން ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމަށެވެ.

ގާނޫނުލް އުގޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭކަން ފާހަގަކުރައްވާ އިދިކޮޅުން ބުނީ އެކަމުގައި ވަކި އާއިލާއަކަށް ނުވަތަ މަގާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރެވެންޖެހޭނެ ކަމަށެވެ. އެފަދަ ލާއިންސާނީ، އަނިޔާވެރި އަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށް ވެސް މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި ތިބެގެން ވާނެ ބައެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރަކައަށްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ. މިފަދަ އަމަލުތައް ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތަކުން ވެސް ފުރިހަމައަށް ޒިންމާ އަދާކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނަށް މިފަދަ ލާއިންސާނީ އަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް ގެއްލުން ކުރިމަތިވާނެ ކަމެއް ކަމަށްވެސް ބުނެފައެވެ. އެހެންކަމުން މިކަން ކުރި ބަޔަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި އަދި މި އަމަލު ހިންގި ފަރާތްތަކުގެ ހަގީގަތް ހާމަކުރުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *