ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ރިވިއު ކުރުމަށް އޭސީސީން ނިންމައިފި

އޭސީސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި: ފޮޓޯ / މަޖިލިސް

އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

މި މައްސަލަ އަނެއްކާވެސް ފެންމަތިވެފައި މިވަނީ މި މަހުގެ 24ވަނަ ދުވަހު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހަށް އެ ވިޔަފާރި އާއި ގުޅޭ މައްސަލައެއް ހުށަހެޅުމާއި ގުޅިގެންނެވެ.

އެ މައްސަލާގައި ބުނެފައިވަނީ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓު، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮރުވިކަމަށެވެ.

އެ ދުވަހުގެ ޖަލްސާގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އުޝާމް ވަނީ އެ މައްސަލަ ފަލާހު ހުށަހެޅުއްވީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވެފައެވެ. ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ހަވާލުކުރި ގްރާންޓް ތޯންޓަން ކުންފުންޏަށް، އެޓާނީ ޖެނެރަލްގެ ފަރާތުން 2012 ވަނަ އަހަރު 4.8 މިލިއަން ރުފިޔާ ދައްކާފައި ވާކަން އޮޑިޓް ރިޕޯޓުން އެނގެން އޮންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ގްރާންޓް ތޯންޓަން އިން އޭޖީ އޮފީހާ ހަވާލުކުރި ފައިލްތައް މެމްބަރުގެ ބެލުމުގެ ދަށުން، 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

“އެއީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮތް ފަރާތަކީ، އޭސީސީ ކަމަށް ވާތީ، ހުރިހާ ފައިލްތައް ހަމަ ހުރި ގޮތަށް، ކަނޑައިވެސް ނުލާ ހުރި ގޮތަށް އޭސީސީއާ ހަވާލުކުރީ،” އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ ވާހަކަތަކާއި ގުޅިގެން އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނީ އުޝާމް ވިދާޅުވި ފަދައިން ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔެކިޔުންތައް 2013ވަނަ އަހަރުގެ ތެރޭގައި އޭސީސީ އާއި އޭރުގެ އެޓާނީ ޖެނެރަލް އޮފީހުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް މިހާރުވެސް އޭސީސީގައި އެބަހުރި ކަމަށްވެސް އޭސީސީން ބުންޏެވެ.

“މިދެންނެވި މައްސަލައަކީ 11 މެއި 2011 ވަނަ ދުވަހު މި ކޮމިޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ތަހުގީގުކުރަން ފެށި މައްސަލައެކެވެ. އަދި އެ މައްސަލައިގެ ތަހުގީގު އިތުރުަށް ކުރއަށް ގެންދެވޭނެ ވަރަށް މައުލޫމާތު ނެތްކަމަށް 2018 މެއި 8ގައި ކަނޑައަޅައި މައްސަލަ ފައިލް ކުރުމަށް ނިންމާފައިވެއެވެ،” އޭސީސީގެ ބަޔާނުގައިވެއެވެ.

އަދި ބުނީ އެ މައްސަލަ އެ ކޮމިޝަނުގެ ފަރާތުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ރިވިއު ކުރަނީ އެ ކޮމިޝަނަށް އެއްވެސް ފަރާތަކުން މައްސަލައެއް ހުށަހަޅައިގެން ކަމެއް ނުވަތަ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމެއް ހާމައެއް ނުކުރެއެވެ.

އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރުމަށް ބޭރުގެ ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެކަމާއި ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވީ އެ މައްސަލައިގެ ރިޕޯޓު އާންމުކުރަން އޮތް ދުވަހު ކަމަށެވެ.

Leave a Reply

Your email address will not be published.