އޮޅުވާލައިގެން ކުޑަކުއްޖަކު މާލެ ގެނެސް ރޭޕްކުރި މީހާ އަށް ހަތަރު ދައުވާއެއް

16 އަހަރުގެ ކުއްޖަކު އޮޅުވާލައިގެން މާލެ ގެނެސް ރޭޕްކުރި ކަމަށް ތުހުމަތު ކުރާ އުނައިސް --

އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު އޮޅުވާލައިގެން މާލެ ގެނެސް އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ހަތަރު ދައުވާއެއް އުފުލައިފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު، 25އ ގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ އުނައިސް ވަނީ ޝަހުސު އޮޅުވާލައިގެން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެ ކުއްޖާގެ ބައްޕަގެ އަތުން މަކަރާ ޙީލަތުން ފައިސާ ހޯދާފައި ކަމަށެވެ. އަދި އެކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މިދިޔަ މަހުގެ 27 ވަނަ ދުވަހު މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އުނައިސްގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދަޢުވާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާއެވެ.

އުނައިސްގެ މައްޗަށް ދައުވާ އުފުލިއިރު އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ވެސް މީހަކު ހައްޔަރުކޮށް އެމީހާ އަށް ވަނީ ދައުވާ ކޮށްފައެވެ. މީގެއިތުރުން ހުޅުމާލެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *