ވަޒީފާއަށް އަސަރުކުރި 1450 މީހަކަށް އެލަވަންސް ދީފި

ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި 1450 މީހަކަށް އެލަވަންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 1450 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާއިރު އެ ފަރާތްތަކަށް ޖުމްލަ 5.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ގެއްލުންވެ ވިޔަފާރިތަކަށް ލިބިގެން ދިޔަ ހީނަރުކަމުގެ ސަބަބުން ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ އެލަވަންސް ދޭނެ އުސޫލެއް އާއްމުކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

މި އުސޫލަކީ އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާނެ އުސޫލެކެވެ. އެ އުސޫލުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މި ބާބުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ، މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުގެ ފަހުން، ކޮވިޑް19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް
ފޮނުވައިފައިވާ މީހުންނާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށް ކަމަށެވެ.

މި އުސޫލުގައި ބަޔާންކުރާ ފަދަ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެވޭނީ ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއް ނަމަ، މަހަކު 5،000 ރުފިޔާ، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް
ފޮނުވައިފައިވާ ފަރާތެއް ނަމަ، މަހަކު 5،000 ރުފިޔާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއް ނަމަ، އެފަދައިން އުނިކުރާ އަދަދު
އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ 5،000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، އެ އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *