އުސޫލުން ބޭރުން ވަކިކުރާ ކޮންމެ ފުލުހަކަށް އިދިކޮޅު ވެރިކަމެއްގައި ވަޒީފާ ކަށަވަރު ކޮށްދޭނަން: އަދުރޭ

އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގައި އަދުރޭ ވާހަކަދައްކަވަނީ، އަދުރޭ އަކީ މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ބޭފުޅާ: ފޮޓޯ / ހަތާވީސް

އުސޫލުން ބޭރުން މި ސަރުކާރުން ވަކިކުރާ ފުލުހުންނަށް އިދިކޮޅުގެ ވެރިކަމެއްގައި ވަޒީފާ ލިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިވަގުތު އިދިކޮޅު ލީޑުވެސް ކުރައްވަމުން ގެންދަވާ އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ އަދުރޭ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އުސޫލުން ބޭރުން މި ސަރުކާރުން ވަޒީފާއިން ވަކިކުރާ ކޮންމެ ފުލުހަކަށް އިިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ވަޒީފާ ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ މަޖިލީހަށް "ދިވެހި ފުލުހުންގެ ހިދުމަތުގެ" ބިލުގެ ނަމުގައި ބިލެއް ހުށަހަޅާފައެވެ. އަދި އެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބައެއް މެންބަރުން ފުލުހުންގެ ޔުނީފޯމް ބަދަލު ކުރުމަށް ގޮވާލިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުންގެ ނަންވެސް ބަދަލު ކުރަންޖެހޭ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.

މީގެއިތުރުން މި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ފަސް ފުލުހެއްގެ މައްސަލަވެސް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެހެންކަމުން އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *