ތެލެސީމިއާ ޒުވާނަކު ނަޝީދަށް: ސެންޓަރަށް ޒިޔާރަތް ކުރުން މާބޮޑަށްވެސް ލަސްވެއްޖެ!

ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

ތެލެސީމިއާ ސެންޓަރުގެ އިހުމާލުން އެތައް ކުދިންތަކެއް މަރުވި ކަމަށް ތެލެސީމިއާ ސޮސައިޓީން ތުހުމަތު ކޮށްފައި ވަނިކޮށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުމުން ތެލެސީމިއާ ޒުވާނަކު އޭނާގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލައިފިއެވެ.

ތެލެސީމިއާ ކުދިންގެ ތެރެއިން އެއް މަސް ތެރޭ ނުވަ ކުއްޖަކު މިދިޔަ އަހަރު މަރުވެފައިވާ ކަމަށާއި އެ ކުދިން މަރުވީ ތެލެސީމިއާ ސެންޓަރުން ރަނގަޅަށް މޮނީޓަރ ނުކުރާތީ ކަމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ތުހުމަތު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަނާއި ވައިސް ޗެއާޕާސަން ހާޒިރުކުރުމުންނެވެ.

އެ ކޮމެޓީ ބޭއްވިތާ އެއް ދުވަސް ތެރޭގައި ކޮމެޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއިއެކު ނަޝީދު ތެލެސީމިއާ ސެންޓަރަށް ބުރާސްފަތި ދުވަހު ޒިޔާރަތް ކުރެއްވިއެވެ. އެމަނިކުފާނު ޒިޔާރަތް ކުރައްވާކަން އެނގުމާއި އެކު ގިނަ އަދަދެއްގެ ތެލެސީމިއާ ކުދިން ވަނީ ނަޝީދާއި ބައްދަލުކުރުމަށް ބޭނުންވެފައެވެ. ސަބަބަކީ އެކުދިންގެ އެތައް ކަންބޮޑުވުމެއް ހުރުމުންނެވެ.

ރައީސް ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތާއި ގުޅިގެން ތެލަސީމިއާ ޒުވާނަކު ކުރި ޓްވީޓުތަކެއްގައި ބުނީ ރައީސް ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރުމުން އެކަން ބަލައިގަންނަ ކަމަށެވެ. ނަމަވެސް އޭނާގެ އެހެން ތެލެސީމިއާ ރަހުމަތްތެރިން ފަދައިން ރައީސް ނަޝީދަށް ޝުކުރު އަދާ ކުރެވެން ނެތް ކަމަށާއި އެކަމުގައި އެތައް ސަބަބުތަކެއް އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ރައީސް ނަޝީދު އެކުދިންނާއި ބައްދަލުކުރުމާއި ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރުންވެސް މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު އެތަނަށް ވަޑައިގަންނަވަން ޖެހޭނީ މީގެ 12 އަހަރު ކުރިން އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު ކަމަށްވެސް އެ ޒުވާނާ ބުންޏެވެ. ތެލެސީމިއާ ކުދިން ނަޝީދާއި ބައްދަލުކުރުމަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ވެސް ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ނަޝީދު ބުރަކޮށް އުޅުއްވާތީ އެކަން ނުވެ ދިޔައީ ކަމަށް އޭނާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން [ސަތާރަވަނަ މަޖިލިސް] ތެލެސީމިއާ ކުދިންނާއި ގުޅޭ ހާއްސަ ބިލެއް ފާސް ކުރިއެވެ. ނަމަވެސް ތިން ބުރަށްވެސް އެބިލު ތަސްދީގު ނުކުރައްވާ ނަޝީދު އަނބުރާ ފޮނުވާލެއްވީއެވެ. އެކަން ފާހަގަކޮށް އެ ޒުވާނާ ބުނީ ރައީސް ނަޝީދަށް ތަފާތު އެކިފަހަރު މަތިން ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތައް ހިއްސާކޮށް ސިޓީތައް ފޮނުވި ކަމަށެވެ. ނަމަވެސް އަދިވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ދެއްވާފައި ނުވާ ކަމަށްވެސް އެ ޒުވާނާ ފާހަގަކުރެއްވިއެވެ.

އޭނާ ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުމުން ނަޝީދާއި ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށެވެ. ނަޝީދަށް ފެނިވަޑައިގަތީ އެތަނުގެ އަސްލު ހާލަތު ނޫން ކަމަށާއި ނަޝީދު އެތަނަށް ވަޑައިގަންނަވަން ވާއިރަށް އެތަނުގެ އިސް ވެރިން ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އެ ޒުވާނާ ބުނެއެވެ.

އޭނާ ވަނީ ދެން ފަހަރަކުން ތެލެސީމިއާ ސެންޓަރަށް ކުއްލި ޒިޔާރަތެއް ކުރެއްވުމަށް ނަޝީދުގެ ކިބައިން އެދިފައެވެ. އަދި އޭރުން އެތަނުގެ އަސްލު ހާލަތު ނަޝީދަށް ފެނިވަޑައިގަންނަވާނެ ކަމަށް އޭނާ ބުންޏެވެ.

ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ފާތިމަތު ޖީހާން ސަލީމް އިއްޔެ ކޮމެޓީގައި ވިދާޅުވީ މިދިޔަ އަހަރު ތެލެސީމިއާގައި 12 ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ ކުއްޖަކު މަރުވީ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށާއި އެ މަސް ދުވަސްތެރޭ އެހާ ގިނަ ކުދިން މަރުވުމުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލެސީމިއާ ސެންޓަރުން އެ ކުދިންނަށް ދެމުންދާ ބޭހުގެ ކޮލެޓީއާ ބެހޭ ގޮތުން އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަން އައިޝަތު ޒުހުރާ ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ބޭހުގައި ހުންނަންޖެހޭ ކުލަ ނޫން ކުލަ ބަދަލުވެފައިވާތީ އެެއީ ރައްކާތެރި އެއްޗެއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން ކަށަވަރުނުކޮށްދޭތީ، ބޭސް ނުކައި ގިނަ ދުވަސް ހޭދަކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަމިއްޔާއިން ވަނީ ތެލެސީމިއާ ސެންޓަރާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ކޮމެޓީއަށް ހިއްސާކޮށްފައެވެ. އެގޮތުން އެތަނުގައި ތެލެސީމިއާ އެކްސްޕާޓެއް ނުހުންނަ ކަމަށާއި އެތަނުގައި ހުންނަނީ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށެވެ. އަދި ތެލެސީމިއާ ސެންޓަރުގައި ހުންނަ ކުޑަކުދިންގެ ވޯޑުގެ ބޭނުންކުރުން ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ޖަމިއްޔާއިން ވަނީ މަޖިލީހާ ހިއްސާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *