ދައުރު ދެބައި ނުވޭ، އިދިކޮޅަށް ޖަމާ މިވަނީ ކޮންބައެއް!؟

ކުރީގެ ނައިބު ރައީސް ޖަމީލް އަދި ކުރީގެ ރައީސް ވަހީދު --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމިގެން ދިޔައީ ހުދު ގިނަ ބަޔަކު ހީވެސް ނުކުރާ ގޮތަކަށެވެ. ވެރިކަން އަތުން ދޫވެގެން ދިޔަ ނަމަވެސް އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަކީ ރާއްޖޭގެ މަޝްހޫރު ބޭފުޅުންނެވެ. ކޮންމެ ކަނޑަކަށްވެސް ހެޔޮވަރު އަދި ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ލިބިގެންވި ބަޔަކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައަށް ވަޑައިގަތެވެ. ދެ އިންތިހާބުންވެސް ރައީސް ޔާމީނާއި ޕީޕީއެމް ނާކާމިޔާބު ވުމާއި އެކު މަންޒަރު ބަދަލުވެއްޖެއެވެ. މި ދެންނެވި ސިޔާސީ ބޭފުޅުންގެ ކުލަ “ބޯވަ” ތަކެއްހެން ބަދަލުވެގެން ހިނގައްޖެއެވެ. ރައީސް ޔާމީން ދޫކުރައްވާ މުޅިން އެހެން ޕާޓީއަކަށް ގުޅިވަޑައިގަތީއެވެ.

މިހާ ހިސާބުން އިދިކޮޅު ފެނިގެން ދިޔައީ ސިޔާސީ ގޮތުން މާ މޮޅެތި އަދި ބޮޑު ބައެއް ނެތް ބައެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބީ އާއިއެކުގައި މަޖިލީހުގައި އިދިކޮޅު ފެނިގެން ދިޔައީ ވަރަށް “ވަނދު”ކޮށެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލީ ހިސާބުން އިދިކޮޅުގެ އަޑު މަޑު މަޑުން ކެނޑެމުން ދިޔައެވެ. އިދިކޮޅުގައި ހިމެނޭ ބައެއް މަޖިލިސް މެންބަރުން ދޭތެރެއަކުން ސަރުކާރަށް ފާޑު ވިދާޅުވެ ޓްވީޓެއް ކޮށްލައްވައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކިތަންމެ މާޔޫސްވިއަސް ކަރު އެލުވާ ނުލާ ހިތްވަރާއި އެކުގައި މަސައްކަތްތަކެއް ކޮށްފި ނަމަ އިސާހިތަކުން ކާމިޔާބީގެ އައްސޭރި ފެނިދާނެއެވެ. ފަހަރުގައި ޕީޕީއެމް އަދި ޕީއެންސީ އަށް ވެސް ވެގެން ދިޔައީ އެހެން ކަމަށް ވެދާނެއެވެ. މީގެކުރިން ޕީޕީއެމް އިން ޖަލްސާއެއް ބޭއްވި ނަމަވެސް ބުނަމުން ދަނީ އެއީ ވަޒީފާ އަށް ބިރު ދައްކައިގެން ގެނެސްފައި ތިބި މީހުން ކަމަށެވެ.

ނަމަވެސް ވެރިކަމުން ފައިބައިގެން މިހާތަނަށް އިދިކޮޅުން ބޭއްވީ ބޮޑު ދެ ޖަލްސާއެވެ. އެ ދެ ޖަލްސާގެ ސަބަބުން ސަރުކާރު މައިޕާޓީ އެމްޑީޕީގެ މައި ހަގީގަތުގައިވެސް ކަރައިގެން ދިޔައެވެ. ކޮންމެއަކަސް އިދިކޮޅަށް އެމީހުންގެ އަސްލު ސައިޒު ފެނިއްޖެއެވެ. އެމީހުންގެ ފަހަތުގައި އެތައް ހާސް ސަޕޯޓަރުންނެއް އަދިވެސް ތިބިކަމުގެ އިހުސާސް ކުރެވިއްޖެއެވެ. މިހާ ހިސާބުން އިދިކޮޅުން ކުރަމުން ދިޔަ މަސައްކަތް އިތުރު ހަރުފަތަކަށް ޖައްސާލިއެވެ.

މަޑުމަޑުން ޕާޓީގެ އެތެރޭގެ ކަންކަން އިސްލާހުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާ ޕާޓީ ވަރުގަދަކޮށްފިއެވެ. ސިޔާސީ ގޮތުން މާބޮޑު ތަޖުރިބާތަކެއް ތިބި ބަޔަކު ޕާޓީގައި ނެތް ނަމަވެސް ދާދިފަހުން އިދިކޮޅު ކޯލިޝަނުން މިވަނީ ހީނުކުރާ ފަދަ ބޮޑު ދެ ބަދަލެއް ގެނެސްފައެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް އިދިކޮޅުގެ އެޑްވައިޒަރުކަން ދެއްވާފައެވެ. މީގެތެރެއިން ޖަމީލް މިވަނީ “ކައިވެނި ރުޖޫއު ކުރެއްވި” ބީދައިން ޕީޕީއެމް އަށް އަލަށް ގުޅިވަޑައިގެންފައެވެ. ހުދު އިދިކޮޅު ބޭފުޅުންވެސް ވިދާޅުވަނީ އެފަދައިންނެވެ. ނަމަވެސް ސުވާލަކީ މިވަނީ ކީއްހެއްޔެވެ. ކުއްލިއަކަށް މި ދެވެރިން ގުޅުމުގެ އަޑީގައި ކޮންމެވެސް ސަބަބުތަކެއް އޮންނާނެއެވެ.

ގިނަބަޔަކު އަދިވެސް ގަބޫލުކުރަނީ މިހެނެވެ. ރައީސް ޔާމީނަކީ ތާސްބައިގެ ކާޑުތައް އަތުރާލާއިރު ވަރަށް ވިސްނުންތެރިކަމާއި އެކުގައި އެކަން ކުރައްވާ ބޭފުޅެކެވެ. އެންމެ ފަހުވަގުތު ހަދާނެ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭނެއެވެ. އެންމެ ފަހު ކާޑާއި ޖެހެންދެން އެމަނިކުފާނު ލުއި ގޮތަކަށް ނުގެނުމަށް ގިނަބަޔަކަށް ވާނީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެނގިފައެވެ. އެހެންކަމުން ވަހީދާއި ޖަމީލު އެނބުރި އައުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ރައީސް ޔާމީންގެ ވިސްނުންފުޅާއި އެކުގައި އެއްލެވި ކާޑެއްކަން ޔަގީނެވެ.

ނަމަވެސް މިއާއިއެކުގައި ހަނދާން ވަނީ ރައީސް ޔާމީންގެ ޖަލަށް ދިއުމުގެ އެއް ދުވަސް ކުރިން ސަޕޯޓަރުންނާއި ޕާޓީގެ ލީޑާޝިޕަށް ދެއްވި ވަސިއްޔަތެވެ.

“އަޅުގަނޑު ނެތޭ ކިޔާފަ އަޅުގަނޑުމެންގެ ޕާޓީ [ޕީޕީއެމް] ގެ މައްޗައް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވާތި، އެއީ ޖާގަ ދީގެން ވާނެ ކަމެއް ނޫން!”

މިވަގުތު އިދިކޮޅު ކޯލިޝަންގެ ލީޑު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ވަހީދަކީ، ރައީސް ޔާމީން އެ އިޝާރާތް ކުރައްވާ “މިނިކާ ބާޒު”ގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ވަހީދަކީ އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި މީގެ ކުރިންވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ޖަމީލް އެ ކޯލިޝަނާއެކު މީގެ ކުރިންވެސް އައީ މަސައްކަތް ކުރައްވަމުން ކަމަށާއި ޖަމީލަކީ ރައީސް ޔާމީން އެ ވިދާޅުވާ “މިނިކާ ބާޒެއް” ނޫން ކަމަށެވެ.

މި ދެބޭފުޅުންނަކީ ތަފާތު ދެ ބޭފުޅުންނެވެ. އެއް ބޭފުޅަކީ ފުންނާބު އުސް ގާނޫނީ ވަކީލެކެވެ. އަދި އަނެއް ބޭފުޅަކީ ބައިނަލްއަގުވާމީ މައިދާނުގައި ބަސް ވިކޭ ބޭފުޅެކެވެ. 16 އަހަރު އދ. ގެ އެކި މަގާމުތައް ފުރުއްވާފައިވާ ރައީސް ވަހީދަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި ބޭރުގެ ތަޖުރިބާ އެންމެ ބޮޑު ސިޔާސީ ލީޑަރެވެ. ޑރ. ޖަމީލަކީ އެހާމެ މަޝްހޫރު އަދި ރާއްޖޭގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރެއިން އެހާމެ ދޫފަރިތަ އަދި ބޮޑެތި ގިނަ މައްސަލަތަކެއް ކާމިޔާބު ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ އިސް އެތައް މަގާމުތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

މި ދެބޭފުޅުންގެ ސިޔާސީ ސަފްހާތައް އުކާލުމުން ދެ ބޭފުޅުންނަކީ ވެސް މިއަދު އިދިކޮޅު ކޯލިޝަނަށް މުހިއްމު ދެ ބޭފުޅުންނެވެ. އަދި މި ދެ ބޭފުޅުންގެ ބޭނުން އިދިކޮޅުން ހިފާނެ ގޮތްވެސް ދެބޭފުޅުންގެ ކެރިއަރުން ވަރަށް ރަނގަޅަށްވެސް ސާފުވެއެވެ. ކޮންމެއަކަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދެބައި ނުވެއެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް “ވަނދު” ވެފައި ވަނިކޮށް އަލުން މި އުކާލީ އެތައް ވާހަކަތަކެއް ކިޔައިދިން ސޮފްހާތަކެކެވެ. މި ސޮފްހާތަކުގައި އެތަކެއް ވާހަކަތަކެއް ކިޔައިދެއެވެ. މިއީ ރައީސް ޔާމީންގެ އަތުގައި އޮތް ތާސްބައިގެ ކާޑުތަކުގެ ތެރެއިން އެމަނިކުފާނު ސަރުކާރަށް އެއްލާލި ދެ ކާޑެކެވެ. އަދިވެސް އެމަނިކުފާނު އެތަކެއް ކާޑެއް އެއްލާލައިފާނެއެވެ. ކުރިޔަށް އޮތް ކާޑުތަކަށް ސަރުކާރުން ނުވިސްނައިފި ނަމަ ސަރުކާރަށް ލޮޅުންތަކެއް އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

Leave a Reply

Your email address will not be published.