މި ފޮޓޯއާ އެކު އެމްޑީޕީ އަހަރީ ދުވަހު ނަޝީދު ވިދާޅުވި ވާހަކަ ތަފާތު!

ރައީސް މުހައްމަދު ނަޝިދު ކުޑަކުދިންތަކަކާ އެކު، ވެއްޔާ ކުޅެނީ: މި ފޮޓޯ ޓްވީޓު ކުރައްވަމުން ނަޝީދު ވިދާޅުވީ އަދިވެސް ކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް.

ކުޑަކުދިންތަކަކާ އެކު ވެއްޔާ ކުޅޭ ފޮޓޯ ޓްވީޓު ކުރައްވަމުން، އެމްޑީޕީގެ ހަރަދީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަފާތު ވާހަކަތަކެއް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގައި ވެރިކަން ކުރެވިއްޖެ ކަމަށާއި އެ ޕާޓީއާ ވާދަވެރި ފަރާތްތައް ރޫޅިއްޖެ ކަމަށެވެ. އެމްޑީޕީގެ އާއްމު މެމްބަރުންނަށް ތަހުނިޔާ ފޮނުއްވަމުން ނަޝީދު އިތުރަށް ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނި ރަނގަޅަށް ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.

ވާދަވެރިން ރޫޅިއްޖެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ އުފެއްދި ފަހުން، އެ ޕާޓީއާ އެންމެ ވާދަވެރި ޑީއާރްޕީ ފެކްޝަން އުފެދި ރޫޅި، އަދި ފަހުން އުފެދުނު ޕީޕީއެމްގެ ތެރެއިން ވެސް ޕާޓީތަކެއް އުފެދިފައި ވަނިކޮށެވެ. ރައީސް ނަޝީދާ އެންމެ ވާދަވެރިކަމަށް ކުރިން ބެލެވުނު ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޕީޕީއެމް ދޫކުރައްވައި އެމްއާރްއެމްގެ ނަމުގައި ޕާޓީއެއް އުފައްދާފައެވެ. އަދި ޕީޕީއެމްގެ ތެރެއިން އިތުރު ޕާޓީއެއް ވެސް އުފެދުނެވެ. އެއީ ޕީއެންސީއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުފަހުން، އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓީއަކީ އެމްޑީޕީއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ 10 ޕާޓީއެއް އެބަ އޮތެވެ. އެ ޕާޓީތަކުގެ ތެރެއިން ވެސް އެންމެ ގިނަ ދުވަސްވީ ޕާޓީއަކީ އެމްޑީޕީއެވެ.

Leave a Reply

Your email address will not be published. Required fields are marked *