މަސްތުން ސަލާމަތްކުރާ ފަރުވާ ޕްރޮގްރާމް އަލުން ފަށަނީ

ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސްކުރުމުގެ ތެރެއިން: ފޮޓޯ / ސަން

މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެ ތަކެތި ބޭނުން ކުރުމުން ދުރުހެލި ކުރުމަށް މީގެކުރިން ކުރިޔަށް ގެންގޮސްފައިވާ ފަރުވާ ޕްރޮގްރާމު އަލުން ފެށުމަށް ނިންމައިފިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދެއްވި މެސެޖުގައި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެއް ކަމަށެވެ.

ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަކަށް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ އެކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި، ސިއްޙީ ފަރުވާދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްޢިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ލިބޭ ނަތީޖާ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުތަނުން ރަނގަޅުވާނެ ކަމަށެވެ.

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިއެވެ. މީގެ ކުރިން ރާއްޖޭގައިވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަވެސް، ތަފާތު ސަބަބުތަކާހެދި ޕްރޮގްރާމްވަނީ މީގެ 3 އަހަރު ދުވަސް ކުރިން ހުއްޓާލާފައެވެ.
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ (އައިޝާ) / ފޮޓޯ- ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވީ އިންޑިޔާ ސަރުކާރުގެ އެހީގައި އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފެށުމުގެ މަޝްވަރާތަކެއް ކުރެވި، އެފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ލާޒިމް ކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ މިއަހަރު ޤާއިމު ކުރެވި، އެ ސެންޓަރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުނަށް ބޭނުންވާ އަސާސީ ފަރުވާ ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ މެސެޖުގައި މަސްތުވާތަކެއްޗަކީ ދިވެހިރާއްޖެއަށާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދިނުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، އެ މަސައްކަތަކީ އަބަދު ތަރައްޤީވެ، އާ ހޯދުން ތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުންކުރަމުން ގެންދަން ޖެހޭ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ޢާންމު ފަރުދުންނާއި މުޅި މުޖްތަމަޢު ބައިވެރި ވާން ޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ސަބަބުން ޒުވާން ޖީލަށް ނުރައްކާ ވަމުންދާއިރު އެކަމުގައި އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ރަނގަޅަށް އަޅާލުމަށް – ރަނގަޅު މަޢުލޫމާތު" ލިބުމުގެ މުހިންމުކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *