އެމްޑީޕީއަށް 15 އަހަރު: ރައީސްގެ ތަހުނިޔާ އާންމު މެމްބަރުންނަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ޕާޓީގެ އާއްމު މެމްބަރުންނާއެކު-- ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ ޕާޓީ، އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވަހުގެ ތަހުނިޔާ އާއްމު މެމްބަރުންނަށް އަރިސްކުރާ ކަަމަށެވެ.

އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ކާމިޔާބު ޕާޓީއެވެ. މީގެ 15 އަހަރު ކުރިން، 26 ޖޫން 2005 ވަނަ ދުވަހު އެމްޑީޕީ ރަޖިސްޓްރީކުރި ފަހުން، އެ ޕާޓީން ވަނީ ދެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައެވެ. އެމްޑީޕީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ތިން އަހަރާއި ދެ މަހާއި 27 ދުވަސް ނުވަނީސް، އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާތަކަށްފަހު، ވެރިކަން ވަނީ ބަދަލުވެފައެވެ. ރައީސް ނަޝީދަށް ޖެހިވަޑައިގެންނެވީ އިސްތިއުފާ ދެއްވާށެވެ. އެމްޑީޕީން ބުނަމުންދަނީ އެއީ "ބަގާވާތެއް" ކަމަށެވެ.

އެއަށްފަހު، ރައީސް ނަޝީދާއި އެ ޕާޓީގެ އާންމު މެމްބަރުންނަށް ހޭދަ ކުރި ހަތް އަހަރަކީ އެ ޕާޓީގެ ތާރީހުގައި އެންމެ ދަތި އުނދަގުލުގައި ހޭދަ ކުރި ދުވަސްތަކެވެ. ރައީސް ނަޝީދު ޖަލަށްލުމާއި އެ ޕާޓީގެ އާއްމު މެމްބަރުންނަށް ފުލުހުންނާއި ސިފައިންގެ ފަރާތުން އެކި އަނިޔާތަައް ލިބިގެންދިޔައެވެ. މިހާރު ވެސް އެމްޑީޕީ އަޑު އުފުލަމުންދަނީ އެ އަނިޔާތަކަށް "އިންތިގާލީ އަދާލަތު" ގާއިމުކޮށްދިނުމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުން ދައްކާ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އެމްޑީޕީއެވެ. އެއީ 53،590 މެމްބަރުންނެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި 80،000 ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގުލިބިގެންވާ ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްޑީޕީ އަސާސީ ގަވާއިދު ބުނާ ގޮތުން ރައީސް ސޯލިހަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ. އެމްޑީޕީގެ އަސާސީގަވާއިދުގެ 75 ވަނަ މާއްދާގައި ބުނެފައި ވަނީ ޕާޓީ ވެރިކަމުގައި އޮންނައިރު، އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އެބޭފުޅެއް ކަމަށެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *