މަލްޓިލޭޓަރަލިޒަމަށް އިސްކަންދޭނެކަމުގެ ޔަގީންކަން ރާއްޖެއިން ދީފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ) އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ އެކު-- ފޮޓޯ/ ފޮރިން މިނިސްޓްރީ

ގޮންޖެހުންތަކުން އަރައިގަތުމަށް އދގެ މެމްބަރު ޤައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްތަރު މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މަލްޓިލޭޓަރަލިޒަމްއަށް ދިވެހި ސަރުކާރުން އިސްކަންދޭނެކަމުގެ ޔަޤީންކަން އަރުވަމުން، ޝާހިދު އެގޮތަށް ގޮވާލެއްވީ އދގެ ޗާޓަރު އެކުލަވާލިވާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެއްވި މެސެޖެއްގައެވެ.

އެ މެސެޖްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އދ ޗާޓަރުގެ ސަބަބުން ޤައުމުތަކުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ހުރިހާ ޤައުމުތަކަކަށް އެއް ހަމައެއްގައި އަޑުއުފުލުމުގެ ޤާބިލްކަން ލިބިގެން ހިނގައްޖެކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ޤުދުރަތީ ކާރިސާތައް ފަދަ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދގެ މެމްބަރުޤައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

އދގެ ޗާޓަރުގައި ސޮއިކުރެވުނީ 1945 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އަށްފަހުއެވެ. އަދި ޗާޓަރަށް އަމަލުކުރަން ފެށުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ޗާޓަރުގެ ދަށުން އދ އަށް މަތިކޮށްފައިވަނީ ބައިނަލްއަޤްވާމީ ސުލްހަ ބެލެހެއްޓުމާއި، އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ކުރިއެރުވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *