ބޮންޑޭގެ ކަންބޮޑުވުމާހުރެ، މޯލްޑިވިއަން ވެރިންގެ މުސާރަ އާއްމުކޮށްފި

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ (ކ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ-- ފޮޓޯ/ މޯލްޑިވިއަން

ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ސިއްރުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމެޓީއަށް މޯލްޑިވިއަންގެ އިސް ވެރިންގެ މުސާރަ، ތަކުރާރުކޮށް އިއްވައިފިއެވެ.

ކޮމެޓީގައި ބޮންޑޭ ކަންބޮޑުވުން ފާޅުކުރެއްވީ ދައުލަތުގެ ކުންފުނިތަކުގެ މުސާރައާ ގުޅޭ ގޮތުން "ކޮންފިޑެންޝަލް" ޖަހާފައިވާ ސިޓީއެއް ކޮމެޓީއަށް ލިބިފައިވުމުންނެވެ. އޭނާ ވިދާޅުވީ ކުންފުނިތަކުގެ މުސާރައަކީ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތު ކަމަށާއި އެ މައުލޫމާތު ކޮމެޓީން ފާސްކުރާ ރިޕޯޓުގައި ހިމަނަންޖެހޭނެ ކަމަށެވެ.

ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވީ މުސާރައަކީ ސިއްރު އެއްޗެއް ނޫން ކަމަށާއި އެ މައުލުމާތު ކޮމެޓީއަށް އިއްވާފައިވާނެ ކަމަށެވެ.

ނަމަވެސް ބޮންޑޭ ވިދާޅުވީ ކޮމެޓީއަށް އިއްވަންވީ އަސާސީ މުސާރަ އެކަނި ނޫން ކަމަށާއި އެލެވަންސްތަކާ އެކު ކުންފުނިތަކުގެ ވެރިންނަށް ލިބޭ ޖުމްލަ މުސާރަ ވެސް ކޮމެޓީއަށް އާއްމު ކުރަންޖެހޭ ކަމަށެވެ. ބޮންޑޭގެ ޒުވާބު ހޫނުވެ، އެންމެ ފަހުން އިލްޔާސް ލަބީބު ވަނީ ކޮމެޓީގެ މުގައްގިރު ކަމަށް ބޮންޑޭ ވަޑައިގަތުމަށް ވެސް އެދިވަޑައިގެންފައެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމެޓީގައި ބޮންޑޭ އާއި އިލްޔާސް ލަބީބާ ދެމެދު ދެބަސްވުން އުފެދި ކޮމެޓީ ދިގުލައިގެންދިޔައެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރަޝީދު / ފޮޓޯ- ރައްޔިތުންގެ މަޖިލިސް

އިލްޔާސް ލަބީބު އެންމެފަހުން ވިދާޅުވީ މުސާރައިގެ ތަފްސީލު އާއްމު ކުރާނީ އޭނާއަށް ވާހަކަ ދައްކަން ބޮންޑޭ ފުރުސަތު ދެއްވުމުން ކަމަށެވެ. ބޮންޑޭ ވާހަކަ ދެއްކެވުން ހުއްޓަވާލެއްވުމުން، އިލްޔާސް ލަބީބު ވަނީ މުސާރައިގެ ތަފްސީލު ކޮމެޓީއަސް ތަކުރާރުކޮށް، އިއްވާފައެވެ. އެ ދުވަހު ކޮމެޓީގައި ދެ ފަހަރެއްގެ މަތިން މޯލްޑިވިއަންގެ އެމްޑީ އާއި ޑީއެމްޑީގެ މުސާރަ ކޮމެޓީއަށް އިއްވިއެވެ.

އިލްޔާސް ލަބީބު ވިދާޅުވީ މޯލްޑިވިއަންއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ބީ" ކެޓަގަރީގެ ކުންފުންޏެއް ކަމަށެވެ. ކޮވިޑާ ގުޅިގެން މުސާރަ ކުޑަކުރުމުގެ ކުރިން ލިބުނު މުސާރަ އާއި އޭގެ ފަހުން ލިބޭ މުސާރައިގެ ތަފްސީލު އިލްޔާސް ކޮމެޓީއަށް އިއްވަވާފައެވެ.

މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީގެ މުސާރަ

 • އަސާސީ މުސާރަ: 53،600 ރުފިޔާ
 • ފައިނޭންޝަން ޕާފޯމަންސް އެލަވަންސް: 15،000 ރުފިޔާ
 • މެނޭޖުމަންޓް ޕާރޯމަންސް އެލަވަންސް: 3،000 ރުފިޔާ
 • ބޯޑު އެލަވަންސް: 10،350 ރުފިޔާ
 • ސިޓިން އެލަވަންސް: 1500
 • ޖުމްލަ 83،450 ރުފިޔާ

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް އައިޝަތު ޖެނިފާގެ މުސާރަ

 • އަސާސީ މުސާރަ: 42،000 ރުފިޔާ
 • ފައިނޭޝަން ޕާފޯމަންސް އެލަވަންސް: 12،000 ރުފިޔާ
 • މެނޭޖުމަންޓް ޕާފޯމަންސް އެލަވަންސް: 2،400 ރުފިޔާ
 • ބޯޑު އެލަވަންސް: 10،350 ރުފިޔާ
 • ސިޓިން އެލަވަންސް: 1،500 ރުފިޔާ

 

ކޮވިޑާ ގުޅިގެން ކުޑަ ކުރި މުސާރަ

މެނޭޖިން ޑިރެކްޓަރު ރިޒުވީއަށް މިހާރު ލިބިވަޑައިގަންނަވަނީ 59،880 ރުފިޔާއެވެ. އެއީ މުސާރަ އާއި އިނާޔަތްތަކާއެކުގައެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް އައިޝަތު ޖެނިފާއަށް މިހާރު ލިބިވަޑައިގަންނަވަނީ 47،399 ރުފިޔާއެވެ. އެއީ މުސާރަ އާއި އިނާޔަތްތަކާއެކުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *