އޮތީ އެންމެ ހައްލެއް، އެއީ ރައީސް ޔާމީން: ޑރ. ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް އަލުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް

ރާއްޖެއަށް މިހާރު ކުރިމަތިވެފައި ހުރިހާ ކަމަކަށް އޮތީ އެންމެ ހައްލެއް ކަމަށާއި އެއީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނުގެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ދެވަނަ ފަހަރަށް ގުޅިވަޑައިގަތުމަށް މިރޭ މ. ދިމްޔާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގެ ރިޔާސަތާ ކޮންމެ ހާލަތެއްގައި ވެސް، މިއަދުގައި މި އޮތް މައްސަލަ ހައްލު ކުރަން ބޭނުން ކަމުގައިވާ ނަމަ ރާއްޖޭގެ ސިޔާދަތު ހިފަހައްޓަން ބޭނުން ކަމުގައިވާ ނަމަ ރާއްޖޭގެ ގައުމިއްޔަތު ރައްކާ ކުރަން ބޭނުން ކަމުގައިވާ ނަމަ ރާއްޖޭގައި އިސްލާމްދީނުގެ ވަހުދަތު ގާއިމު ކުރަން ބޭނުންވާ ކަމުގައިވާ ނަމަ ރައްޔިތުންގެ ކުރިމައްޗަށް ވަރުގަދަ، ބިޔަ، ކެރޭ ލީޑަރަކު އަންނަންޖެހޭ ކަމަށެވެ.

"އެ މީހަކީ، މީހަކު ފެންނަ ކޮންމެ ފަހަރަކު ކަރުނަ އޮއްސައި، އެ މީހަކީ، މީހަކު ކިޔާ އެއްޗެއް އަމިއްލަ އަށް ނޭނގޭ ވަރުގެ މީހަކަށް ވާ ކަމުގައި ވާ ނަމަ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އަޅުގަނޑުމެން ފަލީހަތް ވާނެ. އެކަމުން އަޅުގަނޑުމެން ސަލާމަތް ވާން ބޭނުން ކަމުގައި ވާ ނަމަ އަޅުގަނޑު ދެކޭގޮތުގައި ކުރިމަތީގައި އޮތީ އެންމެ ހައްލެއް. އެއީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ކެންޑިޑޭޓަކަށް ނެރުން." ޖަމީލް ވިދާޅުވިއެވެ.

މީގެކުރިން ޕީޕީއެމް އާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ޖަމީލް މިރޭ ވަނީ ޕީޕީއެމް އަކީ ރާއްޖޭގެ އިގްތިސޯދު ބިނާކުރާ ފިކުރު ކަމަށް ވިދާޅުވެފައެވެ.

"ޕީޕީއެމްގެ ވެރިކަމުގައި ޓާމިނަލް އެހެރީ ނިމިފައި، ބޮޑު މާސިންގާ ބިޔަ ހޮސްޕިޓަލެއް އެހެރީ ނިމިފައި. ބްރިޖު ވެސް އެ އޮތީ ނިމިފައި،" އަލުން ޕީޕީއެމް އާއި ގުޅިވަަޑައިގެން ޖަމީލް ވިދާޅުވިއެވެ.

ރާއްޖެ އަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އިގްތިސާދު ހަމައަކަށް އެޅުވުން ފަދަ ކަންކަން ކުރުމަށް ޔާމީން ސަލާމަތްކުރުމަށް ނިކުންނަންޖެހޭ ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ޔާމީން ގެންނަންޖެހޭ ކަމަށްވެސް ޖަމީލު މިރޭ ވިދާޅުވިއެވެ.

ޖަމީލް މިރޭ ޕީޕީއެމް އާއި ގުޅިވަޑައިގެންނެވިއިރު އޭނާ އަށް ވަނީ ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުވެސް ދެއްވާފައެވެ. މީގެކުރިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ވެސް ވަނީ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމު ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *