ކުރީ ސަރުކާރުން ހިޔާ ފްލެޓުތައް ހަމަޖައްސާފައިވާ އަގަށް އެތަންތަން ހަވާލުކުރޭ: ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތަކަށް ކަނޑައަޅާފައިވާ އަގުތަކަށް އެ ފްލެޓުތައް ހަވާލު ކުރުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ ފްލެޓްތަކާއި ގުޅުވައިގެން ދޮގު ވާހަކަތައް ނުފަތެރުމަށް ގޮވާލާ ކަމަށެވެ. އަދި އެތަނުގެ ކުލީގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސަވާފައިވާ އަގަށް އޭގެ ހައްގުވެރިންނާއި އެ ފްލެޓްތައް ހަވާލު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ކުރީގެ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި މިހާރު ތ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޣައްސާން މައުމޫން ސޮއި ކުރައްވާ 2018ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހު އޭރުގެ ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ވަނީ ސޯޝަލް މީޑިއާ އަށް ދާދިފަހުން އާއްމުވެފައެވެ.

އެ ސިޓީގައި ޣައްސާން ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000 ރުފިޔާ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600 ރުފިޔާ ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ ކަނޑައެޅުން ރަނގަޅު ކަމަށް އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ސިޓީގައިވެއެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެ އަގަކީ .ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިދާވެސް ވާނެ އަގެއް ކަމަށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް އިއްޔެ ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އަގު ރަނގަޅު ނޫން ކަމަށެވެ.

މި ސަރުކާރުން ބުނެފައި ވަނީ 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. އެކަމަކު މިއީ، ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ، ފްލެޓްތަކުގެ ކުލި 7،500ރ. އަށް ވުރެން ބޮޑުނުވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *