މެންބަރު ހުސައިންގެ އެތައް ސުވާލެއް ސަރުކާރަށް

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ޖަލްސާއެއްގައި ވާހަކަދައްކަވަނީ --

ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ އެތައް ސުވާލެއް ސަރުކާރަށް ކުރިމަތި ކުރުވައިފިއެވެ.

މެންބަރު ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް 65 މަޖިލިސް މެންބަރުން ދެއްވާ މަޖިލީހުގެ ސުޕާ މެޖޯރިޓީވެސް ދެއްވާފައިވާ ކަމަށެވެ.

ނަމަވެސް އުމްރާނީ ގޮތުންނާއި އިގްތިސޯދީ ގޮތުން ގެނެވުނު ކުރިއެރުމަކީ ކޮބައިތޯ މެންބަރު ހުސައިން ވަނީ ސުވާލު ކުރައްވާފައެވެ. ރައްޔިތުންގެ ހައްގުގައި ގާނޫނަކަށް ގެނެވުނު ހެޔޮ އިސްލާހަކީ ކޮބައިތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

"ލަގްޒަރީ ކިތައް ފްލެޓު އެޅިއްޖެތޯ، ކިތައް ސޯޝަލް ހައުސިން އެޅިއްޖެތޯ،" މެންބަރު ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސުވާލުތަކަށް އެމްޑީޕީގެ ޖަވާބު ވަރަށް ކުރު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން ބާރު ސްޕީޑުގައި ކުރަމުން އަންނަ މަސައްކަތަކީ ލާދީނިއްޔަތު ގައުމަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.

ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ “ހިޔާ މަޝްރޫއު”ގެ ފްލެޓްތައް ބޭރަށް ވަރަށް ރީތި ކަމަށާއި އެހެން ނަމަވެސް އެ ފްލެޓުތަކަކީ އެއްގޮތަކަށް ވެސް މީހުން ދިރިއުޅޭ ވަރުގެ ތަނެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދިފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެފައި ވަނިކޮށެވެ.

އަދި އިއްޔެ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ވަނީ ނޫސްވެރިންނަށް އެ ފްލެޓުތަކުގެ މަސައްކަތްދާ ގޮތް ދައްކާލާފައެވެ. އަދި ސޯޝަލް މީޑިއާގައިި އެ ފްލެޓުތަކުގެ އެތެރޭގެ ހާލަތާއި އެ ފްލެޓުތަކަކީ މީހުން ދިރިއުޅެން ކުޑަ ތަނެއް ކަމަށްބުނެ އެތައް ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. މީގެއިތުރުން އެ ފްލެޓުތައް ދެވޭނީ މަހަކު 11،000 ރުފިޔާ އަށް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް މިއަދު އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ އިދިކޮޅުގެ ވެރިކަމެއްގައި އެ ފްލެޓުތައް 5،600 ރުފިޔާ އަށް ދޭނެ ކަމަށް ވެސް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *