އިދިކޮޅުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތައް 5,600 ރުފިޔާ އަށް ދޭނަން

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ މިހާރު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވެރިކަމެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތައް 5،600 ރުފިޔާ އަށް ދޭނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ކުރީގެ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި މިހާރު ތ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޣައްސާން މައުމޫން ސޮއި ކުރައްވާ 2018ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހު އޭރުގެ ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ވަނީ ސޯޝަލް މީޑިއާ އަށް ދާދިފަހުން އާއްމުވެފައެވެ.

އެ ސިޓީގައި ޣައްސާން ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000 ރުފިޔާ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600 ރުފިޔާ ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ ކަނޑައެޅުން ރަނގަޅު ކަމަށް އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ސިޓީގައިވެއެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެ އަގަކީ .ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިދާވެސް ވާނެ އަގެއް ކަމަށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް އިއްޔެ ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އަގު ރަނގަޅު ނޫން ކަމަށެވެ.

މި ސަރުކާރުން ބުނެފައި ވަނީ 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. އެކަމަކު މިއީ، ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ، ފްލެޓްތަކުގެ ކުލި 7،500ރ. އަށް ވުރެން ބޮޑުނުވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓުތަކާއި ގުޅިގެން ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މާލެ އާއި ހުޅުމާލޭގައި މީހުން މިހާރު އުޅޭ ފްލެޓްތަކާއި ކޮޓަރިތަކަށް ވުރެ ހިޔާ ޕްރޮޖެކްޓްގައި ހަދައިފައިވާ ފްލެޓްތައް އަދި ކޮޓަރިތައް ވެސް ކުޑަ ނުވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ނިންމައިފައިވާ ގޮތުން އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށާއި އަދި އެ ފްލެޓްތަކުގައި ދޮރާއި ޓައިލްސް ނުހުންނާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ވެސް އިދިކޮޅުން ވަނީ ދޮގުކޮށްފައެވެ.

އަދި އިދިކޮޅުގެ ވެރިކަމެއްގައި ކުރީގެ ސަރުކާރުން ހަމަޖައްސާފައިވާ ގޮތަށް މަހަކު 5،600 ރުފިޔާ އަށް ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދޭނެ ކަމަށާއި އަދި ރައްޔިތުން އަތުން އިތުރަށް ނަގާ ފައިސާ މައާފުކޮށްދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފްލެޓްތަކާއި ގުޅުވައިގެން ސަރުކާރުގެ ފަރާތުން ބަހަނާ ދައްކަވާ، ދޮގު ވާހަކަތައް ދައްކަވަމުން ގެންދަވަނީ ދިވެހި ރައްޔިތުން ނިކަމެތިކޮށް، އެ ފްލެޓްތައް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ވަކި ބަޔަކަށް ބަހާލުމުގެ ބޭނުމުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ އެފަދަ ކަންކަން ނުކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *