އެޗްޑީސީ އުވާލަން ބޮންޑޭ ގޮވާލައިފި

މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރަޝީދު / ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ހައުސިން ކޯޕަރޭޝަން (އެޗްޑީސީ) އުވާލުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ގޮވާލައިފިއެވެ.

ބޮންޑޭ މިފަދައިން ވިދާޅުވީ މިއަދު ކުރިޔަށްދިޔަ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިއަދުގެ ކޮމެޓީގައި ވަނީ ހުޅުމާލެ ފޭސް ދޭކުން ބިން ވިއްކުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށްބުނެ ބޮންޑޭ ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތުން އެކަމާއި ގުޅިގެން އެޗްޑީސީގެ ބަހެއް ވެސް ވަނީ ހޯދާފައެވެ.

އެޗްޑީސީން ކޮމެޓީ އަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެކުންފުނިން ހުޅުމާލެ ފޭސް ދޭކުން ބިން ވިއްކުމަށް ނިންމާފައި ނުވާ ކަމަށެވެ. އެ މައްސަލާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ އެޗްޑީސީ އަކީ ރައްޔިތުންގެ މާލިއްޔާއިން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ހުޅުމާލެ ތަރައްގީ ކުރަމުން ގެންދަނީވެސް ރައްޔިތުންގެ ފައިސާ އިން ކަމަށާއި އެހެންކަމުން ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކެއް ނޫން ކަމަށެވެ.

"އެހެންވީމަ ތަރިކަ މުދަލެއްގެ ގޮތުގައި އެޗްޑީސީން ދެކިގެން ނުވާނެ. އެއީ ރައްޔިތުންގެ ކުންފުންޏެއް ބިމަކީ ރައްޔިތުންގެ ބިން. އެހެންވީމަ އެޗްޑީސީ އެބަޖެހޭ އުވާލަން މިހާރު.

އޭނާ ވަނީ ލާމަރިކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސޯދީ ބޭނުންތަކަށް ބިން ބޭނުން ކުރެވޭނެ ގޮތަށް ހެދުމަށްފަހު އަލުން އެޗްޑީސީ އެކުލަވާލުމަށް ގޮވާލައިފައެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ އަސާސީ ގަވާއިދަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. މިހާލަތުގައި ރައްޔިތުން ތިއްބާ އަދިވެސް ރައްޔިތުންނަށް ތަންތަން އެޗްޑީސީން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވަނީ ބިން ރަހުނު ކުރުމަށްފަހު ކިތައް ލޯނު އެޗްޑީސީން ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންނަށް ރައްޔިތުންގެ ރަށްތަކާއި އެރަށްތަކުގައިވާ ބިންތައް ރަހުނު ކުރެވޭއިރުގައި އެނގެން ޖެހޭނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުން ވަނީ އެޗްޑީސީން ބިން މިހާރު ނުވިއްކި ނަމަވެސް ހުޅުމާލެ އަކީ އެޗްޑީސީގެ އަމިއްލަ މިލްކެއްގެ ގޮތުގައި ދެކޭ ދެކުން ކުށްވެރިކޮށް ވާހަކަދައްކަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *