ޒުވާބެއް ހޫނުވެ، އިންތިއަކީ ޖާހިލެއް ކަމަށް ހައިލަމް ވިދާޅުވެއްޖެ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް (ކ) އަދި މެމްބަރު އިމްތިޔާޒު ފަހުމީ: ޒުވާބު ފެށުނީ ކުރީގެ އުއްތަމަފަނޑިޔާރު ޑޜ. ޑީޑީ ކުރެއްވި ޓްވީޓަކާ ގުޅިގެން

ޓްވިޓާގައި ބަދަލު ކުރި ބަހުގެ ހަމަލާތަކެއް ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަކީ ތަންދޮރު ނުދަންނަ ޖާހިލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފެށީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަކީ ރާއްޖޭގައި ސިޔާދަތު ކަށަވަރުވި ދުވަސް ކަމަށެވެ. އަދި 7 ފެބްރުއަރީއަކީ އިންގިލާބެއް ކަމަށެވެ.

ރައްދުގައި އިންތި ވިދާޅުވީ ޑރ. ޑީޑީއަކީ "ގައިގަނޑެއް" ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި ޑރ. ޑީޑީ ނެންގެވި ކަމަށް ބުނާ ރެހެންދި ފުލެޓް އަނބުރާ ހަވާލުކުރަން ގޮވާލެއްވިއެވެ.

ޤާނޫނީ ވަކީލު އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިންތިއަށް ރައްދު ދެއްވައި ހައިލަމް ވިދާޅުވީ ޓްވިޓާގައި މީހުންގެ އަބުރާ ބެހިގެން މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒެއް ނުލިބޭނެ ކަމަށެވެ. ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ޓްވީޓު ކުރައްވަމުން ހައިލަމް ވިދާޅުވެފައި ވަނީ ޤާނޫނު ހަދަން ތިބީ "މިވަރުގެ ޖާހިލުން" ކަމަށެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ މަންޒަރު ހިމެނޭ ފޮޓޯއެއް ވައިބާ ގްރޫޕަކަށްލި މައްސަލައެއް ހޫނުވެ، މަގާމުން އިސްތިއުފާ ދެއްވަންޖެހުނު ހައިލަމްގެ މައްޗަށް ފުލުހުން ދަނީ މަނީ ލޯންޑާ ކުރި ކަމުގެ ތަހުގީގު ހިންގަމުންނެވެ. އޭނާގެ މައްޗަށް އެ ތަހުގީގު ހިންގަނީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ އަތުން ނެންގެވި ފައިސާއަކާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *