ސިޔާސީ މަސައްކަތަށް ވަހީދު ނިކުތުމުން ނަޝީދު ބިރުގަނެއްޖެ: އަދުރޭ

އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގައި އަދުރޭ ވާހަކަދައްކަވަނީ، އަދުރޭ އަކީ މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ބޭފުޅާ: ފޮޓޯ / ހަތާވީސް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސިޔާސީ މަސައްކަތަށް އަލުން ނިކުންނެވުމާއި އެކު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބިރުގަނެއްޖެ ކަމަށް އިދިކޮޅު ކޯލިޝަން މިހާރު ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މ. ދިމްޔާތުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ވައްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓާއި ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ.

އެ ކަމާއި ގުޅިގެން އަދުރޭ ވިދާޅުވީ އެ މައްސަލަ އަނެއްކާވެސް ފެންމަތިކޮށްގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ވަހީދު އިދިކޮޅު ސިޔާސީ މަސައްކަތާ ގުޅިވަޑައިގަތުމުން ބިރުން ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ އެމްޑީޕީ އަށް ވެރިކަން ލިބުމާއި އެކު 2009ވަނަ އަހަރު ބޭރުގެ ބަޔަކާއި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ހަވާލު ކުރެވުނު ކަމަށެވެ. އެ ފައިސާތައް ހޯދުމަށް އެ ކުންފުނިން މަސައްކަތް ފެށީ އެ ކުންފުނިން ހިންގާ މަސައްކަތުން ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ފެނުމުން، އެ ފައިސާގެ 10 ޕަސެންޓު އެ ކުންފުންޏަށް ދޭގޮތަށް ކަމަށެވެ. އަދި އެނޫން ގޮތަކަށް އެ ކުންފުނީގެ މަސައްކަތް ހުއްޓާލާނަމަ، ދިވެހި ދައުލަތުން އެ ކުންފުންޏަށް 10 މިލިއަން ޑޮލަރު އެ ދޭން ޖެހޭ ގޮތަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ ބޭރުގެ ކުންފުންޏަކަށް ދީގެންވެސް ނުބެލުނު މައްސަލައެއް އަނެއްކާވެސް ފެންމަތިކޮށްގެން އުޅެނީ ޕީޕީއެމްގެ ސިޔާސީ މަސައްކަތްތަކާ ވަހީދު ގުޅިވަޑައިގަތުމުން ކަމަށެވެ.

""ސިޔާސީ ހަރަކާތުގައި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރަން ނިންމެވީމާ އެއްގޮތަކަށް ވެސް ނިދި ނައިސްގެން އެ އުޅެނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. ވަރަށް ބޮޑަށް ބިރުގެންފި ވަހީދު ދެކެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ވާހަކަ ކިތަންމެ ވަރަކަށް އެމްޑީޕީން ދެއްކި ނަމަވެސް އިދިކޮޅުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *