އިންސާނީ ހައްގުތަކާއި ބެހޭ މުހިއްމު މުއާދާތަކަކަށް މަޖިލީހުގެ ރުހުން ހޯދަނީ

ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު ދެ މުޢާހަދާއެއް ރާއްޖެއިން ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމެވި 2 މުޢާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" އާއި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" އާ ބެހޭ މުޢާހަދާއެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" މުޢާހަދާ އަކީ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް )އައި.ސީ.އީ.އެސް.ސީ.އާރު( ގެ ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން އައި.ސީ.އީ.އެސް.ސީ.އާރު ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދޭ މުޢާޙަދާއެކެވެ.

އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވަތީ، އެންމެ ފުރިހަމަ މާނައިގައި އައި.ސީ.އީ.އެސް.ސީ.އާރު އަށް ޢަމަލުކުރުމަށްޓަކައި މިމުޢާޙަދާ ތަޞްދީޤުކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

އަދި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" މުޢާހަދާ ތަޞްދީޤުކުރުމުން، ރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކަތެރިކުރުމަށް ދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެ، ދިވެހިރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" މުޢާޙަދާ ފާސްކޮށްފައިވަނީ، އ.ދ. ގެ ޢާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި މި މުޢާޙަދާ ސޮއިކުރުމަށް ޤައުމުތަކަށް ހުޅުވާލާފައިވަނީ، 24 ސެޕްޓެމްބަރު 2009 ގައެވެ.

ރާއްޖެއިން ވަނީ 21 ސެޕްޓެމްބަރު 2011 ގައި މިމުޢާޙަދާގައި ސޮއިކޮށްފައި ވީނަމަވެސް ރާއްޖެއިން އަދި މުޢާޙަދާ ތަޞްދީޤުކޮށްފައިނުވެއެވެ. މިއަދާ ހަމައަށް މިމުޢާޙަދާ ތަޞްދީޤުކޮށްފައިވަނީ މިމުޢާޙަދާގައި ސޮއިކޮށްފައިވާ 45 ޤައުމުގެ ތެރެއިން 24 ޤައުމަކުންނެވެ.

"އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" މުޢާހަދާ އެޑޮޕްޓްކޮށްފައިވަނީ 20 ޑިސެންބަރު 2006 ގައި އެމެރިކާގެ ނިއުޔޯކުގައެވެ. އެ މުޢާހަދާއަށް ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2010 ގައެވެ. އަދި ދިވަހިރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ، 6 ފެބުރުވަރީ 2007 ގައެވެ. މި މުޢާހަދާގައި މިހާތަނަށް 98 ޤައުމަކުން ސޮއިކޮށްފައިވާއިރު، މުޢާހަދާ ތަޞްދީޢުކޮށްފައިވަނީ 62 ޤައުމަކުންނެވެ.

ސީ.އީ.ޑީ މުޢާހަދާ ރާއްޖެއިން ތަޞްދިޤުކޮށް އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ޤައުމުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މި ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

އަދި މިފަދަ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޛުކުރުމަށް ބާރުލިބޭނެ ކަމެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *