ތިން އަންހެނަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އައްޑޫސިޓީ ހުޅު މީދޫ/ ފޮޓޯ- ޓްރެވެލް އަޕްޑޭޓް

އައްޑޫ ސިޓީ މީދޫގައި ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދުއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 16ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި އެއަމުރު މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން އެކޯޓުގައި އެދުމުން އެކޯޓުން ވަނީ އިއްޔެ އެއަމުރު މުރާޖައާކޮށް، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ގޭބަންދުގެ ބަދަލުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަލުން އަމުރުކޮށްފައެވެ.

އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް މިދިޔަ މަހުގެ 28ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގަށް 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ. އަދި އޭނާ 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ތަހުގީގުގައި ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *