އެންމެ ގާތް އެކުވެރިޔަކީ ކާކުކަން އިންޑިއާއިން ސާބިތުކޮށްދީފި!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުަރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމުގެ ގޮތުގައި ޒަމާނުއްސުރެއް އެންމެން ވެސް ދެކެމުން ދިޔައީ އަވަށްޓެރި އިންޑިއާއެވެ. ނަމަވެސް އެކި ސަރުކާރުތަކުގެ ހާރިޖީ ސިޔާސަތުތަކަކީ ތަފާތު ސިޔާސަތުތަކަށް ވުމާއިއެކު އެކި ވެރިކަންތަކުގައި ގުޅުން ބަދަހި ކުރަމުން ދިޔައީ އެކި ގައުމުތަކާއި އެކުގައެވެ. އެހެންކަމުން ބައެއް ހާލަތްތަކުގައި ގައުމުތަކުގައި އޮންނަ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތުގެ ދަށުން ގުޅުން ބަދަހި ކުރަމުން ދިޔައީ ޗައިނާ އާއެވެ. އެކަމުގެ ސަބަބުން އިންޑިއާ އާއި އޮންނަ ގުޅުން ވަނީ ހީނަރުވެގެން ގޮސްފައެވެ.
ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ރާއްޖެ އާއި އިންޑިއާ އާއި ހީނަރުވެފައިވާ ގުޅުން ބަދަހި ކުރުމަށް މަސައްކަތްތައް ކުރެއްވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެމަނިކުފާނު ވެރިކަމަށް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމެވެ. އަދި ރައީސް ސޯލިހު އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކީވެސް އިންޑިއާއަށް ވެގެން ދިއުމެވެ.
މިއަދު މި ސަރުކާރުން ރާއްޖޭގައި ހިންގަމުން އަންނަ އެކި މަޝްރޫއުތަކަށް އިންޑިއާ ސަރުކާރާއި އިންޑިއާގެ އެކި ކުންފުނިތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކަންމިހެން އޮއްވާ ކޮވިޑް-19 ގެ ނުރައްކާތެރިކަން އައިސް ރާއްޖެ ވަށާލިއެވެ. މުޅި ދުނިޔެއަށް މި ކުރިމަތިވި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިއްކޮށްލި ބަޔަކަށް ވެގެން ދިޔައީ އިންޑިއާއެވެ. މިކަމާ ދެބަސްވެވޭނެ އެއްވެސް ގޮތެއް ނެތެވެ.
މާޗް މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެންމެ ފުރަތަމަ ވެސް އެހީތެރިކަމުގެ އަތް ދިއްކޮށްލި ގައުމަކަށް ވެގެންދިޔައީ އިންޑިއާއެވެ. އިންޑިއާ ފުރަބަންދެއްގައި އޮތް ނަމަވެސް ރާއްޖޭގެ ރައްޔިތުން ކެއިން ބުއިމަށް ބޭނުންވާ ސާމާނާއި ކޮވިޑާއި ދެކޮޅަށް ބޭނުންކުރާ ބޭސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު އެގައުމުގެ ސަރުކާރުން ވަނީ ތަނަވަސްކޮށްދީފައެވެ.
ހަމައެހެންމެ މި ބަލި ރާއްޖެއިން ފެނުމާއެކު އިންޑިއާ ސަރުކާރުން ވަނީ ޕަލްމޮލޮޖިސްޓުންނާއި، އެނެސްތެޓިސްޓުންނާއި، ފިޒީޝަނުން އަދި ލެބް-ޓެކްނީޝަނުން ހިމެނޭގޮތަށް ރާއްޖެއަށް ސިއްޚީ މާހިރުންގެ ޓީމެއް ފޮނުވާފައެވެ. ޗައިނާގެ ވޫހާންއަކީ ކޮވިޑް-19 ފެތުރެން ފެށި އެންމެ ފުރަތަމަ ސިޓީ ކަމަށްވާއިރު އިންޑިއާ ސަރުކާރުން އެ ސިޓީގައި ތާށިވެފައި ތިބި ދިވެހިން ދެފަހަރެއްގެ މަތިން އެ ސިޓީއިން ނެރެ އިންޑިއާށް ގެންގޮސް އެ ގައުމުގައި އެމީހުންނަށް ކަރަންޓީނުވުމުގެ ހުރިހާ ކަމެއް ހަމަޖައްސައިދިނެވެ. މިއީ ދެގައުމުގެ ގުޅުން ބަދަހިވެފައިވާ މިންވަރު ހާމަކޮށްދިން ކަމަކަށްވާއިރު އެއްވެސް ގޮތެއް ނެތި ވޫހާންގައި ތާށިވި ދިވެހި އާއިލާތަކަށް އިންޑިއާ ސަރުކާރުން ދިއްކޮށްލި އަތަކީ ލިބިގެންދިޔަ ހިތްހަމަޖެހުމެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް ސާކް ސަރަހައްދުގެ ހުރިހާ ޤައުމަކުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަން ނިންމުމާއި ކޮވިޑް އިމަރޖެންސީ ފަންޑު ވުޖޫދަށް އައުން ވެގެންދިޔައީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މި ބައްޔާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތަށް ލިބުނު އިތުރު ބާރަކަށެވެ.
އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ވަނީ ބޭސްކުރުމަށް ކޮންމެހެން ބޭރަށް ދާން ޖެހިފައި ތިބި ދިވެހިންނަށް އެޤައުމަށް ދެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަން ހާމަކުރައްވާފައެވެ. ހަމައެހެންމެ އިންޑިއާ ސަރުކާރުން ރާއްޖޭގައި ކުރިޔަށް ގެންދަމުންދާ އެއްވެސް ޕްރޮޖެކްޓެއް މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު ވެސް އެއްވެސް މަޑުޖެހުމެއް ނެތި ދަނީ ކުރިއަށެވެ. މިއީ ހައްތާވެސް ދިވެހިންގެ ލާބައާއި މަންފާއަށް އިންޑިއާގެ ސަރުކާރުން މި ބަލިމަޑުކަމުގެ ތެރޭގައި ވެދެއްވާފައިވާ އެހީތަކެވެ.
އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުން އެހީ ނުވެއެކޭ ނޫނެވެ. ޗައިނާއިން ވެސް ވަނީ ރާއްޖެ އަށް މިހާލަތުގައި ގިނަގުނަ އެހީތަކެއް ވެދީފައެވެ. ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ޗައިނާ ސަރުކާރުން މިދަނޑިވަޅުގައި ވެސް އެންމެ ބޮޑަށް ކުރަމުންދާ މަސައްކަތަކީ އެގައުމުގެ މޫނުމަތި ރީތިކުރުމުގެ މަސައްކަތް ކަމެވެ. ޖީލުތަކެއް ދަރާ ވިއްކާލައިގެން ނަގާފައިވާ ލޯންތަކަށް އަޅާފައިވާ ފްލެޓްތައް އެހެރީ ލޯމައްޗަށް ފެންނާށެވެ. ރައީސް ވިދާޅުވީ ތެދުފުޅެކެވެ. ބަލާލަން ކިތަންމެހާ ވެސް ރީއްޗެވެ. އެހެން ނަމަވެސް ފޮޓޯތަކުން ވެސް ޔަގީންވެ ކަށަވަރު ވަނީ އެއީ އިންސާނުން ދިރިއުޅެން ހެޔޮވާވަރު ކޮށިތަކެއް ނޫންކަމެވެ. މިކަން ވެސް ދިފާއުކޮށް ޗައިނާ ސަފީރު ވަރަށް ބުރަކޮށް އަދިވެސް އުޅުއްވަނީ އެގައުމުގެ ކުންފުނިތަކާއި ސަރުކާރު ދިފާއުކުރެއްވުމުގައެވެ.
ދެއްވި އެހީތަކާއި އަޅުގަނޑުމެންގެ ބޮލުގައި އަޅުވާފައި އޮތް ދަރަނި ނުބައްދަލެވެ. 1.5 ބިލިއަން ޑޮލަރުގެ ލޯނަކީ އަނގައިން ބުނެލަން ވަރަށް ފަސޭހަ އަދަދެކެވެ. އެހެން ނަމަވެސް މި ލޯންތަކުގެ ހިތި ރަހަ އަޅުގަނޑުމެންގެ ކަރު ބުޑުގައި ލާނެ ދުވަސް އޮތީ ވަރަށް ގާތުގައެވެ.
އަޅުގަނޑުމުންގެ އިގްތިޞާދު ކޮޅަށް ޖެހޭނެ ދުވަހެއް ނޭނގޭއިރު މިއަހަރު ވެސް ޗައިނާއަށް 75 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޑޮލަރު އައުމުގެ މަގު ބަންދުވެފައި އޮތްއިރު އެ އަދަދު އަޅުގަނޑުމެން ދައްކަނީ ކިހިނެއް ހެއްޔެވެ. ކޮންމެއަކަސް މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ސާބިތުވެގެންދިޔަ ކަމަކީ ރާއްޖެއަށް އެންމެ ހެޔޮއެދޭ އެންމެ އެކުވެރި ގައުމުގެ ގޮތުގައި އޮތީ އިންޑިއާ ކަމެވެ. ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެކަން ބަދަލެއް ނުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *