ތެލެސީމިއާގައި އެއް މަސް ތެރޭ ނުވަ މަރު، ތުހުމަތުތައް ބައިވަރު!

ތެލެސީމިއާ ކުދިންނަށް ލޭ އަޅަނީ: ތެލެސީމިއާ ސެންޓަރުގެ ހާލަތާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް

ތެލެސީމިއާ ކުދިންގެ ތެރެއިން އެއް މަސް ތެރޭ ނުވަ ކުއްޖަކު މިދިޔަ އަހަރު މަރުވެފައިވާ ކަމަށާއި އެ ކުދިން މަރުވީ ތެލެސީމިއާ ސެންޓަރުން ރަނގަޅަށް މޮނީޓަރ ނުކުރާތީ ކަމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ތުހުމަތުކޮށްފިއެވެ.

އެ ތުހުމަތުތައް ފެންމަތި ކުރީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަނާއި ވައިސް ޗެއާޕާސަން ހާޒިރުކުރުމުންނެވެ.

ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ފާތިމަތު ޖީހާން ސަލީމް މިއަދު ކޮމެޓީގައި ވިދާޅުވީ މިދިޔަ އަހަރު ތެލެސީމިއާގައި 12 ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ ކުއްޖަކު މަރުވީ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށާއި އެ މަސް ދުވަސްތެރޭ އެހާ ގިނަ ކުދިން މަރުވުމުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު ތެލެސީމިއާ 12 ކުދިން ނިޔާވި. އެއް މަސް ތެރޭ ނުވަ ކުދިން ނިޔާވި. ކޯ އިންސިޑަންޓެއް އެއީ އެއް މަސް ދުވަސް ތެރޭ ކުދިން ނިޔާވުމަކީ. އެއީ ކޯއިންސިޑަންޓެއް،" ތެލެސީމިއާ ސޮސައިޓީން ޗެއާޕާސަން ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިން އެހާ ގިނައިން މަރުވަނީ ކުދިންނަށް ދޭންޖެހޭ ފަރުވާ ރަނގަޅަށް ނުދެވި، މޮނީޓާ ނުކުރެވޭތީ ކަމަށެވެ. އަދި

"ސަބަބަކީ ކުދިންނަށް ދެވެންޖެހޭ ފަރުވާ ރަނގަޅަށް ނުދެވޭތީ. ކުދިން ރަނގަޅަށް މޮނީޓަރ ނުކުރެވޭތީވެ. ކުދިންނަށް އަޅާލުން ނުދެވޭތީވެ. ފެސިލިޓީސް ނެތިގެނެއް ނޫން،" ޖީހާން ސަލީމް ވިދާޅުވިއެވެ.

ތެލެސީމިއާ ސެންޓަރުގައި ތެލެސީމިއާ ކުދިން އެޑްމިޓްކޮށް، ލޭ އަޅަނީ

ތެލެސީމިއާ ސެންޓަރުން އެ ކުދިންނަށް ދެމުންދާ ބޭހުގެ ކޮލެޓީއާ ބެހޭ ގޮތުން އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަން އައިޝަތު ޒުހުރާ ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ބޭހުގައި ހުންނަންޖެހޭ ކުލަ ނޫން ކުލަ ބަދަލުވެފައިވާތީ އެެއީ ރައްކާތެރި އެއްޗެއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން ކަށަވަރުނުކޮށްދޭތީ، ބޭސް ނުކައި ގިނަ ދުވަސް ހޭދަކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަމިއްޔާއިން ވަނީ ތެލެސީމިއާ ސެންޓަރާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ކޮމެޓީއަށް ހިއްސާކޮށްފައެވެ. އެގޮތުން އެތަނުގައި ތެލެސީމިއާ އެކްސްޕާޓެއް ނުހުންނަ ކަމަށާއި އެތަނުގައި ހުންނަނީ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށެވެ. އަދި ތެލެސީމިއާ ސެންޓަރުގައި ހުންނަ ކުޑަކުދިންގެ ވޯޑުގެ ބޭނުންކުރުން ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ޖަމިއްޔާއިން ވަނީ މަޖިލީހާ ހިއްސާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *