ޕޮޒިޓިވްވީ 21 މީހުން، ބަލިން ރަނގަޅުވީ 16 މީހުން

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 21 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ މިއަދު ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި، ބަންގްލަދޭޝްގެ 7 މީހަކާއި، އިންޑިއާ އަދި ނޭޕާލް މީހެއް ކަމަށެވެ. މިއާއި އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2238 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު މިއަދު ބަލިން ރަނގަޅުވެސް ވެފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1829 އަށް އަރާފައެވެ.

މާލެ ސަރަހައްދުން ކޮވިޑް19 ފެނިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު މާލެ ސިޓީ 42 ދުވަސް ވަންދެން ލޮކްޑައުން ކޮށްފައި ބޭއްވުމަށްފަހު މިމަހުގެ ކުރީ ކޮޅު ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދީފައެވެ. އެގޮތުން ބޭރަށް ނިކުމެވޭ ވަގުތުވެސް އިތުރު ކޮށްފައިވާއިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށްވެސް ބޭރަށް ނިކުމެވޭނެ ވަގުތުތަކެއް ވަނީ ދީފައެވެ.

އަދި އަންނަ މަހުން ފެށިގެން އިތުރު ލުއިތަކެއް ދޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 8 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *