ހިޔާ ފްލެޓުތައް ބޭރަށް ވަރަށް ރީތި، އެކަމަކު އެއީ މީހުން އުޅޭވަރުގެ ތަނެއް ނޫން: ރައީސް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ ސަން

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ “ހިޔާ މަޝްރޫއު”ގެ ފްލެޓްތައް ބޭރަށް ވަރަށް ރީތި ކަމަށާއި އެހެން ނަމަވެސް އެ ފްލެޓުތަކަކީ އެއްގޮތަކަށް ވެސް މީހުން ދިރިއުޅޭ ވަރުގެ ތަނެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގައި މިހާރު ނުނިމި ހުރީ ވަރަށް މަދު ބައެއް ކަމަށެވެ. އަދި ވިދާޅުވީ އެތަނުގެ އެއްވެސް ތަނެއްގައި ތަށިމުއްޓެއް އަދި އެއްވެސް އިމާރާތެއްގައި ދޮރެއް ހަރުކޮށްފައި ނުވާ ކަމަށެވެ.

"އެތެރޭގައި ޓައިލްސް ޖަހައި ދޮރުފަތްތަކާ އެއްޗެހި ކޮޓަރިތަކުގައި ލައި، ފާހަނާތަކުގައި ލާން. އެއީ ގާތްގަނޑަކަށް 43 މިލިއަން ޑޮލަރު. އެކަން ކުރާނަމަ، ނަގާނެ ވަގުތު. އަޅުގަނޑުމެން ނިންމީ މިހާރު އެ ހުރި ގޮތަށް އެ ހައްގުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން. ނަމަވެސް ގަބޫލުކުރައްވާތި، އެ ތަނަށް ވަންނަ އިރު، ކޮޓަރިއެއްގައި ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސްއެއް ނުހުންނާނެ. އެ ހާލަތުގައި އެ ތަން އޮންނާނީ،" ރައީސް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ހަތްހާސް ފްލެޓަށް މިހާތަނަށް 23،000 މީހުން ކުރިމަތިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ސޯލިހު ފާހަގަކުރެއްވި ގޮތުގައި ފްލެޓުތައް ކުރީ ސަރުކާރުން ދިނުމުގައި އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް މުޅި މަޝްރޫއު ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަންކަން ސާފުކޮށް އެ މަސައްކަތްވެސް 90 ޕަސެންޓު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް 23،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެއެވެ. ކުރީ ސަރުކާރުން ފްލެޓު ދިން ގޮތާ މެދުގައި އެތައް ބަޔަކު ޝަކުވާކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ފްލެޓުތައް މީހުންނަށް ހަވާލު ކުރީ "އޮޅުންބޮޅުން" ގަނޑެއްގެ ތެރެއިންނެވެ. އަދި އެ އެއްޗެހި "ސާފު" ކުރުމުގެ 90 ޕަސަންޓު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަކު، އަޅުގަނޑުގެ ހިތެއް ނުބުނޭ އެތަނަށް ވަދެފައި އޭގެ ތެރެއިން 80 ޕަސަންޓު މީހުން ވެސް އެތަނުގައި ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައި ގަބޫލު ކުރާނެއެކޭ. އަދިވެސް އަޅުގަނޑު އެކަން ގަބޫލެއް ނުކުރަން. އެހެންވެ އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން. ތިޔަބޭފުޅުންނަށް ދައްކާލަން ގެންދާނަން އެތަން. ބޭރަށް ވަރަށް ރީތި، ފޮޓޯ ނަގަން ވަރަށް ރީތި އިރުއޮއްސޭ ގަޑީގައި،" ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *