ބޭސްފަރުވާއަށް ހާއްސަ ހުއްދައެއް ދިނުމުން ޝާހިދުގެ ޝުކުރު އިންޑިއާއަށް

އިންޑިއާގެ ބޮޑުވަޒީރުން މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ސަލާމް ކުރައްވަނީ

ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަން ޖެހޭ ފަރާތްތަކަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ޚާއްސަ ހުއްދައެއް ދިނުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާ ކުރައްވައިފިއެވެ.

އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް، ރާއްޖެއަށް ދިން އެ ހުއްދައާ ގުޅިގެން ޝާހިދު ޝުކުރު އަދާ ކުރެއްްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރަށެވެ.

އިންޑިއާއިން ދިން ހުއްދައާ ގުޅިގެން ޝާޙިދު ވިދާޅުވީ މިއީ ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ ރަމްޒެއް ކަމަށެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން، ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ ތެރެއިން 37 ޕޭޝަންޓުން އަންނަ ހަފްތާގައި އިންޑިއާއަށް ގެންދިޔުމަށް އާސަންދަ ކުންފުންޏާ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. އެ ހުއްދައިގެ ދަށުން ފަރުވާ ހޯދުމަށް ދިޔުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ކޮޗިންއަށެވެ.

އިންޑިއާ ސަރުކާރުން އެކަމަށް ޚާއްސަ ހުއްދަ ލިބުނުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިއުލާންކުރައްވާފައެވެ. މިދިޔަ ހަފްތާތަކުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި މިނިސްޓަރ ޝާހިދު އާ ދެމެދު ބޭއްވުނު ބައްދަލުވުންތަކުގައި މިކަމާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ. އަދި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *