ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި ހުޅުވާލަން ނިންމައިފި

ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި ހުޅުވާލުމަށް ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖުލައި 15 ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލައި ބައިނަލްއަޤްވާމީ ދަތުރުތަކަށް ވައިގެ ބަނދަރުތައް ހުޅުވާލެވޭނެ ކަމަށެވެ. އަދި އެއަށްފަހު ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ޤައުމެއް ކަމަށް، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޤައުމު ކަމަށްވާ ޖަރުމަނު ވިލާތުން ކަނޑައަޅާފައިވުން. އަދި ރާއްޖެއަކީ ރައްކާތެރި ޤައުމެއް ކަމަށް ދުބާއީން ވެސް ވަނީ ކަނޑައަޅާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަން އަލަށް ފަށައިގަންނައިރު ސަރުކާރުގެ ވިސްނުން ހުރީ އިގްތިސާދީ އަވަސް ރިކަވަރީއަކާއި ދިމާލަށް ކަމަށެވެ. އެކަމަށްޓަކައި ކަމާއިގުޅޭ ހުރިހާ ދާއިރާއެއްގެ ބައިވެރިވުމާއި، ހިޔާލާއި މަޝްވަރާގެ މަތިން ކުރާނެ ކަންކަން ރާވައި، ހިންގުމުގެ އިތުރުން ފައިސާ ހޯދުމުގައިކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓާސްކުފޯސް އެއް އެކުލަވާލާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

އަދި ބޯޑަރު ހުޅުވާލާނީ ހުރިހާ ގައުމުތަކަށް ކަމަށާއި، އެއްވެސް ގައުމެއް އިސްތިސްނާ ނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *